މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، ރާއްޖެއިން ދިއުމަށް ހަމަޖެހިފައިވާ ހައްޖާޖީން މާދަމާ ސައުދިއަރަބިއްޔާ އަށް ފުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެގޮތުން މާދަމާ 84 ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވާއިރު، އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ހުރިހާ ޙައްޖާޖީންނަށް ސަޢޫދީއަރަބިއްޔާއަށް ދެވޭވަރުވާނެއެވެ.
މާދަމާ ފުރުމަށް ހަމަޖެހިފައިވާ 84 ޙައްޖާޖީންނަކީ ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ޙަވާލުގައި ޙައްޖަށްދާން މީހުންނެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިއަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް ހަމަޖެހިފައިވަނީ 1684 ހައްޖާޖީނެވެ. ނަމަވެސް މިއަހަރުވެސް ރައްޖެއަށް 2000 މީހުންގެ ހައްޖު ކޯޓާ ވަނީ ލިބިފައެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރު ޙައްޖަށްދާ ފާރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ތަފާތު ކަންތައްތަކެއް ފަސޭހަ ކޯށްދެއްވާފައެވެ. އެގޮތުން ހައްޖުވެރިން ފުރުމުގެ ކަންކަމުގައި ހައްޖާޖީންނަށް އެހީތެރިވުމުގެ ގޮތުން ސިފައިންނާއި ފުލުހުން އަދި އެއަރޕޯޓްސް ކޮމްޕެނީންވެސް ޚާއްސަ އިންތިޒާމު ތަކެއް ހަމަޖައްސާފައިވާ ކަމަށް ޝާފިއު ވިދާޅުވި އެވެ. އަދި ސަޢޫދީއަރަބިއްޔާގައިވެސް ޙައްޖުވެރީންނަށް ކަންތައްތައް ފަސޭހަވެގެން ދާނެކަމުގައި އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.




