މި އަހަރުގެ ހައްޖު ދުވަހަކީ އޮގަސްޓް 10 ވާ އާދީއްތަ ދުވަސް ކަމަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުން ނިންމައިފިއެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން 2000 މީހުން މައްކާ އަށް ދާނެކަމަށް ލަފާކުރެވޭއިރު، މިއަހަރުގެ ބޮޑު އީދު ދުވަހަށް ވާނީ އޮގަސްޓް މަހުގެ 11 ވަނަ ދުވަހެވެ.
ރައީސް އޮފީހުން މިއަދު ވިދާޅުވީ، މިއަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާނީ، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ހަމަޖައްސަވާފައިވާ ކަމަށެވެ.
ދުނިޔޭގެ އެކި ގައުމުތަކުން މި އަހަރުގެ ހައްޖުގައި ބައިވެރިވާން ގިނަ މީހުން ދަނީ މައްކާއަށް ދަތުރު ކުރަމުންނެވެ. ހައްޖު މަސް ފެށޭނީ އޮގަސްޓް މަހުގެ 2 ވަނައަށްވާ ހުކުރު ދުވަހުގައެވެ.
ރާއްޖެއިން މިއަހަރު ހައްޖާޖީން ގެންދިއުމަށް ހަމަޖެހިފައިވަނީ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް، ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓް، ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް، އަލް ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް އަދި އެކްރޯ ޕްރައިވެޓް ލިމިޓެޑްއެވެ.
								
											


														
														
														
														
														
														