ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހަ މަސް ފަހުން އަލުން ދައްކަން އޭނާގެ ލޮލަށް ފަރުވާ ކުރި ޑޮކްޓަރު ލަފާ ދެއްވައިފި އެވެ.
އަދީބަށް ޖެހިފައިވާ ގުލަކޯމާ ބައްޔަށް މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވަނީ އިންޑިއާގެ ޕޫނާގައި ހުންނަ ރޫބީ ހޯލް ކްލިނިކް ކިޔާ ހޮސްޕިޓަލަކުންނެވެ.
އެހޮސްޕިޓަލްގައި އޭނާއަށް ފަރުވާ ދެއްވާ ޑޮކްޓަރު ޝްރުތިކާ ކަންކާރިޔާ ޓައިމްސް އޮފް އިންޑިއާ ނޫހަށް ވިދާޅުވި ގޮތުގައި ޖޫން 18 އިން 24 އަށް އެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އަދީބަށް ލަފާދީފައި ވަނީ ހަ މަސް ފަހުން އެނބުވި ވަޑައިގަންނަވާށެވެ.
އަދީބަށް ގުލަކޯމާ ޖެހިފައިވާކަން އެނގުނީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުމާއި އެކަމާ ގުޅުން ހުރި މައްސަލަތަކުގައި ހައްޔަރުކޮށް ޖަލު ބަންދުގައި ހުންނަވަނިކޮށް 2017 ވަނަ އަހަރު އެވެ.
ބޭސްފަރުވާ އަށް އަނބިކަނބަލުން މަރިޔަމް ނަޝްވާއާ އެކު އަދީބު ފުރާވަޑައިގަތީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެނބުރި ވަޑައިގަންނަވަން ކުރިން ހަމަޖައްސާފައި އޮތީ މިދިޔަ ބުދަ ދުވަހު އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދިން ހުއްދައިގެ މުއްދަތު ފަހުން ވަނީ އަންނަ މަހުގެ ހަޔަކަށް އިތުރުކޮށްދީފަ އެވެ. ކަރެކްޝަނަލް ސާވިސް އިން އޭރު ބުނީ މުއްދަތު އިތުރު ކޮށްދިނީ ޑޮކްޓަރުން އެގޮތަށް ލަފާ ދެއްވާފައި ވާތީ އާއިލާއިން އެދިގެން ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އަދީބުގެ ރާއްޖޭން ބޭރަށް ފޮނުވީ ނުފިލޭނެކަން ޔަގީންކޮށްފާ ކަމަށާއި އޭނާ އެކު އިންޑިއާގައި ދިވެހި ތިން ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ ތިން އޮފިސަރަކު ހަރަކާތްތެރިވާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.



