ފީފާ ވޮމެންސް ވޯލްޑްކަޕް ކުއާޓާ ފައިނަލްގައި ރޭ މުބާރާތް ބާއްވާ ޤައުމު ފްރާންސް ބަލިކޮށް، އެމެރިކާއިން ސެމީގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
2-1 ގެ ނަތީޖާއަކުން އެމެރިކާ މޮޅުވި މިމެޗުގައި އެމެރިކާއިން ޖެހި ދެ ލަނޑުވެސް ޖަހާފައިވަނީ މޭގަން ރަފީނޯއެވެ. ރަފީނޯގެ ފުރަތަމަ ލަނޑު މެޗުގެ 5 ވަނަ މިނަޓްގައި ފެނިގެންދިޔައިރު ދެވަނަ ލަނޑު ފެނިގެންދިޔައީ 65 ވަނަ މިނަޓްގައެވެ.
ރަފީނޯ މިމުބާރާތުގައި މިހާތަނަށް ޖުމްލަ ފަސް ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

މުބާރާތް ކުރިއަށްދާ ފްރާންސަށް މެޗުގެ ފުރަތަމަ ހާފުގައި އެމެރިކާގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. އެހެންނަމަވެސް މެޗުގެ 81 ވަނަ މިނަޓްގައި ފްރާންސްގެ ރެނާޑް ކާމިޔާބުކޮށްދިން ލަނޑާއެކު އެޓީމަށް އާ ހިތްވަރެއް ލިބިގެންދިޔައެވެ.
ފްރާންސްގެ ލަނޑަށްފަހު އެޓީމުގެ ކުޅުން އެއްކޮށް ބަދަލުވެގެން ދިޔައެވެ. ހަމަލާތައް ވަރުގަދަކޮށް އެމެރިކާއަށް ޕްރެޝަރުކުރަންފެށިއެވެ. ނަމަވެސް މެޗު ނިމުނު އިރުވެސް އިތުރު ލަނޑެއް ކާމިޔާބުކުރެވޭގޮތްވަނީ ނުވެފައެވެ.
މިއަހަރުގެ މުބާރާތުގައި އެމެރިކާ މިހާތަނަށް ކުޅުނު 10 މެޗުން މޮޅުވެފައިވާއިރު، އެމެރިކާވަނީ ކުޅުނު 8 މުބާރާތުގައިވެސް ސެމީ ފައިނަލާއި ހަމައަށް ދަތުރުކޮށްފައެވެ.
ސެމީ ފައިނަލްގައި އެމެރިކާ ބައްދަލުކުރަންޖެހޭނީ އިންގްލޭންޑާއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ 12:00 ގައެވެ.




