ވޮމެންސް ވޯލްޑްކަޕްގެ ކުއާޓާގައި ރޭ ނެދަލެންޑް އަދި ސްވިޑެން ކުޅުނު މެޗުތަކުން މޮޅުވެ އެދެޓީމު ސެމީއަށް ދަތުރުކޮށްފިއެވެ.
ކުއާޓާ ފައިނަލްގައި ކުޅުނު މެޗުން ނެދަލެންޑް މޮޅުވެފައިވަނީ އިޓަލީއާއި ބައްދަލުކޮށް 2-0 ގެ ނަތީޖާއަކުންނެވެ.
ނެދަލެންޑްއިން ޖެހި ދެލަނޑުވެސް ފެނިފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު 70 ވަނަ މިނަޓްގައި މީޑެމާގެ ފަރާތުން ފެނިގެންދިޔައިރު ދެވަނަ ލަނޑު 80 ވަނަ މިނަޓްގައި ޖަހައިދިނީ ވެން ޑަ ގްރަޓްއެވެ. މިދެލަނޑުވެސް ޖަހާފައިވަނީ ބޮލުންނެވެ.
މީޑެމާއަކީ ނެދަލެންޑް އަންހެން ޓީމުގެ ޓޮޕް ސްކޯރާއެވެ. އޭނާ މިހާތަނަށް ޖުމްލަ 61 ލަނޑު ނެދަލެންޑަށް ކާމިޔާބުކޮށްދީފައިވެއެވެ.
ނެދަލެންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއްވެސްވަނީ އެޓީމަށް ލިބިގެން ގޮސްފައެވެ.

ކުއާޓާފައިނަލްގައި ރޭ ކުޅެވުނު އަނެއް މެޗު ސްވިޑަން ކާމިޔާބުކޮށްފައިވަނީ ޖަރުމަނީގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
ފަހަތުންއަރައި ސްވިޑަން މޮޅުވި މިމެޗުގެ ފުރަތަމަ ލަނޑު ޖަރުމަނުން ޖަހާފައިވަނީ މެޗުގެ 16 ވަނަ މިނަޓްގައެވެ. މެގުލްގެ ހިތްގައިމު ލަނޑަކުން ޖަރުމަނަށް ލީޑު ލިބުނު ނަމަވެސް އޭގެ ހަމިނަޓް ފަހުން ސްވިޑެންގެ ސޯފިއާ ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
ސްވިޑަން މެޗުން މޮޅުވެފައިވަނީ ދެވަނަ ހާފުގައި ބްލެކްސްޓެނިއަސް ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. 48 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު އޭނާ ޖަހާފައިވަނީ ގޯލް އޭރިއާ ތެރެއިންނެވެ.
މެޗުގައި ޖަރުމަނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ޖަރުމަނުގެ ގިނަ ހަމަލާތަކެއް ސްވިޑަންގެ ކީޕަރު ލިންޑާލްވަނީ ދިފާޢުކޮށްފައެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް އަންނަ އަންގާރަ ދުވަހުގެ ރޭ ފެށުމައް ހަމަޖެހިފައިވާއިރު އެރޭ ކުޅެވޭ މެޗުގައި ބައްދަލުކުރާނީ އިންގްލޭންޑް އަދި އެމެރިކާއެވެ. އަދި ބުދަ ދުވަހުގެ ރޭ ކުޅެވޭ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ނެދަލެންޑް އަދި ސްވިޑަންއެވެ.




