ހައްދުންމަތީގަޔާއި ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބުތަކެއް ތަރައްޤީ ކުރުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ދާދި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓު މިނިސްޓަރު މުހައްމަދު އިއާދު ހަމީދު ވިދާޅުވީ، ލ.އަތޮޅު އިޤްތިޞާދީ ހަބެއްގެ ގޮތުގައި ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން ތައްޔާރުވަމުންދާ ކަމަށާއި، ހަމައެގޮތަށް އުތުރުގެ ދެ ސަރަހައްދެއްވެސް އެގޮތަށް ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.
"ލ.އަތޮޅުވެސް އިޤްތިޞާދީ މައި ހަބެއްގެ ގޮތުގައި ތަރައްޤީ ކުރުމަށްޓަކައި، ލ.އަތޮޅަށް ބޭނުންވާ މުހިންމު މަޝްރޫއުތައް އަޅުގަނޑުމެން މިދަނީ ފާހަގަކުރަމުން. އަދި ލ.އަތޮޅުގެ މައި ަމޝްރޫއެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް އަޅުގަނޑުމެން ކުރިއަށް އެބަގެންދަން." ސްޓޭޓު މިނިސްޓަރު މުހައްމަދު އިއާދު ހަމީދު ވިދާޅުވިއެވެ.
އިއާދު ވިދާޅުވީ، "ރާއްޖޭގެ އުތުރުގައި އިޤްތީޞާދީ ހަބްތަކެއްގެ ގޮތުގައި ތަރައްޤީކުރާނެ ދެ ސަރަހައްދެއް ފާހަގަކުރުމުގެ މަސައްކަތްވެސް" އޮކޮނޮމިކް މިނިސްޓްރީން ކުރައްވަމުން ގެންދަވާ ކަމަށެވެ.
ލ.އަތޮޅާއި އުތުރުގައި އިޤްތިޞާދީ ހަބްތަކެއް ތަރައްޤީކުރަން ސަރުކާރުން ނިންމައި މަސައްކަތް ފަށާފައިވާއިރު، އައްޑޫ ސިޓީއަކީ ޒަމާނީ ސިޓީއެއްގެ އަދި އިޤްތިޞާދީ ހަބެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 6.3 ބިލިއަން ރުފިޔާގެ ބިޔަ މަޝްރޫއެއް ވަނީ އެކުލަވާލާފައެވެ.



