އިހަވަންދިއްޕޮޅުގައި ތަރައްޤީކުރަން ކުރީގެ ސަރުކާރުން މަސައްކަތްފެށި، އައިހެވަން ޕްރޮޖްކްޓް މުޅިން ހުއްޓާ ނުލައްވާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހައި މިއަދި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވީ، އައިހެވަން ޕްރޮޖެކްޓަށް ޚަރަދުތަކެއް ކުރެވިފައި ހުރި ކަމަށާއި، ނަމަވެސް ކުރިން އެ ޕްރޮޖެކްޓް އޮތީ ދެކޮޅުޖެއްސޭނެ އުޞޫލަކަށް ނޫން ކަމަށެވެ.
"އައިހެވަން ޕްރޮޖެކްޓަށް ޚަރަދުތަކެއް ކުރެވިގެން ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރެވިފައި އެބަހުރި، އެހެންނަމަވެސް އަޅުގަނޑުމެންނަށް ފެންނަން ހުރި ޑޮކިއުމަންޓަތަކުގެ ތެރެއިން މިހާރު އޮތްގޮތަށް ފީސަބަލް ޕްރޮޖެކްޓަކަށް ނުވޭ." މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިހާރު އެ މިނިސްޓްރީން ކުރައްވަމުން ގެންދަވަނީ އެ ޕްރޮޖެކްޓް ފީސިބަލް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމުގެ މަސައްކަތް ކަމަށެވެ.
"މިހާރު މި ކުރެވޭ މަސައްކަތަކީ މިހާހިސާބަށް ކުރެވިފައި ހުރި މަސައްކަތްތަކުގެ އަލީގައި ކޮންކޮން ބަދަލެއް ގެނެސްގެންތޯ އައިހެވަން ޕްރޮޖެކްޓް ނުވަތަ ޓްރާންޝިޕްމަންޓް ބަނދަރުގެ މަޝްރޫއު ކާމިޔާބު ގޮތެއްގައި އިންވެސްޓަރުންނާ ހަމައަށް ގެންގޮސްގެން އެކަން ކުރެވޭނެ ގޮތަކީ ބެލުން." މިނިސްޓަރ ވިދާޅުވިއެވެ.
އިތުރަށް މިނިސްޓަރ ވިދާޅުވީ، އެ ޕްރޮޖެކްޓަށް މިހާތަނަށް ކުރެވިފައިހުރި މަސައްކަތްތައް އެއްކޮށް ދޫކޮށްލަން ސަރުކާރުން ނިންމަވާފައި ނުވާކަމަށެވެ.
"ކޮންމެހެން މިހާހިސާބަށް ކުރެވިފައި ހުރި މަސައްކަތްތައް ދޫކޮށްލާ ވާހަކައެއް ނޫން، އޭގެ ތެރެއިން ފީސަބަލް ކުރެވޭނީ ކޮންކޮން ކަންތައްތަކެއްތޯ އަދި އިތުރަށް އެކަން ފީސަބަލް ކުުރުމަށްޓަކައި ކުރަންޖެހެނީ ކޮންކޮން ކަންތައްތަކެއްތޯ އައިޑެންޓިފައި ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިގެންދަނީ." ފައްޔާޒު ވިދާޅުވިއެވެ.
މި ސަރުކާރުން ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރާންޝިޕްމަންޓް ބަނދަރު ހެދުމުގެ މަސައްކަތްތައް ފައްޓަވާފައެވެ. އެގޮތުން މިހާރު ކުރައްވަމުން ގެންދަވަނީ އެކަމަށްޓަކައި ބޭނުންވާ ކޮންސަލްޓެންޓުން ހޯދުމުގެ މަސައްކަތެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ފައްޔާޒު ވިދާޅުވީ، އުއްމީދު ކުރައްވާ ގޮތުގައި މިއަންނަ އޮގަސްޓް މަހުގެ ތެރޭގައި އެ ޕްރޮޖެކްޓަށް ކޮންސަލްޓެންޓުން އައްޔަންކުރެވި މަސައްކަތް ފެށިގެންދާނެ ކަމަށް ކަމަށެވެ.
ކޮންސަލްޓެންޓުން އައްޔަން ކުރެއްވުމާއެކު ފީސިބިލިޓީ އެސެސްމަންތްތައް ހެދި، ޕްލޭންތަކާއި ލިޔެކިޔުންތައް ތައްޔާރުކޮށް، ލަސްތަކެއް ނުވެ ޕްރޮޖެކްޓް ފެށޭނެކަމަށް އުއްމީދުކުރައްވާ ކަމަށާއި، މި ޕްރޮޖެކްޓްތަކާއެކު ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލެއް އަންނާނެކަމަށްވެސް މިނިސްޓަރ މިއަދު ވިދާޅުވިއެވެ.




