2019 މެއި މަހު އެކަނިވެސް ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާކުމުގެ 111 މައްސަލަ ހުށަހެޅިފައިވާކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ވިދާޅުވެއްޖެއެވެ.
މެއި މަހު ޖެންޑަރ މިނިސްޓްރީން އެޓެންޑްކޮށްފައިވާ މައްސަލަތަކުގެ ތަފްސީލު ހާމަކުރައްވާ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، އެ މިނިސްޓްރީއަށް މިދިޔަ މަހު ޖުމްލަ 212 މައްސަލަ ހުށަހެޅި އެޓެންޑްކޮށްފައިވާ ކަމަށެވެ.
"ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 111 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައިވޭ. މިއީ މޭ މަހު ރިޕޯޓުކޮށްފައިވާ ޖުމުލަ މައްސަލަތަކުގެ 52 އިންސައްތަ،" ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، ކުޑަކުދިންނާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ޖިންސީ ހާނީއްކައާއި ޖިސްމާނީ ހާނީއްކައިގެ މައްސަލަތައް ކަމަށެވެ. އެގޮތުން ޖިންސީ ހާނީއްކައިގެ 34 މައްސަލަ އަދި ޖިސްމާނީ ހާނީއްކައިގެ 34 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
މީގެ އިތުރުން އިހުމާލުވުމުގެ 27 މައްސަލައާއި، ނަފްސާނީ ހާނީއްކައިގެ 10 މައްސަލައާއި، އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ 4 މައްސަލަ އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 2 މައްސަލަ ހިމެނޭކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.
ޖެންޑަރ މިނިސްޓްރީން އިތުރަށް ވިދާޅުވީ، ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 3 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ތަޢުލީމަށް ހުރަސް އެޅުމުގެ 2 މައްސަލައާއި އުފަންވުން ރަޖިސްޓްރީނުކުރުމާ ބެހޭ 1 މައްސަލަ ހިމެނޭ ކަމަށެވެ.




