އިކޮނޮމިކް މިނިސްޓަރ ފައްޔާޒް - ފޮޓޯ: ރައީސް އޮފީސް

ގުޅީފަޅުގައި ބިދޭސީ ޑިޓެންޝަން ސެންޓަރެއް އަޅަނީ

ގަވާއިދަ ހިލާފަށް އެތެރެވާ ބިދޭސީން ބައިތިއްބަން ގުޅީފަޅުގައި ޑިޓެންޝަން ސެންޓަރެއް ގާއިމު ކުރުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ, ގަވާއިދާ ހިލާފަށް އެތެރެވާ ބިދޭސީންގެ މައްސަލަތައް ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އެންމެ ފުރިހަމަ ގޮތުގައި އެ މަސައްކަތް ކުރަން ދަތިތަކެއް ހުރި ކަމަށެވެ.

ރާއްޖޭގައި މިހާރު މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދު 250000 އަށްވުރެ ގިނަ ކަމަށާއި އޭގެ ތެރޭގައި ގަވާއިދާ އެއްގޮތަށް އެތެރެވެގެން އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް އެތެރެވެ މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރަން އަންނަ ޖުލައި މަސް ތެރޭގައި ރެގިއުލޝަނަލައިޒް ޕްރޮގްރާމެއް ފަށައި، ގަވާއިދުގެ ތެރެއަށް ގެނެސްގެން މަސައްކަތް ކުރެވެން ތިބި ބިދޭސީންނަށް އެކަން ކޮށްދިނުމުގެ އިތުރަށް ފޮނުވާލަން ޖެހޭ މީހުންގެ މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ވަސީލަތްތައް ހުރި ގޮތުން ވާގޮތަކީ އަޅުގަނޑުމެންނަކަށް މީހުން ހައްޔަރު ކޮށްގެން ގެންގުޅޭވެނެ ގޮތެއް ނެތް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ 1000 މީހުންގެ ޑިޓެންޝަން ސެންޓަރެއް ގުޅީފަޅުގައި ގާއިމު ކުރުމުގެ މަސައްކަތް ވެސް މި މަސް ތެރޭގައި ޓެންޑާ ކުރާނަން." މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ގަވާއިދާ ހިލާފަށް އެތެރެވެ މަސައްކަތް ކުރާ ބިދޭސީން މަދު ކުރަން ކޯޓާގެ ކަންކަން މިހާރަށްވުރެ ލުއި ކުރެވޭނެ ގޮތަށް ގަވާއިދަށް އިސްލާހު ގެނައުމުގެ މަސައްކަތް ވެސް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކޯޓާގެ ކަންކަން މިހާރު ލަސްވަމުން ދަނީ ކުރަން ޖެހޭ މަސައްކަތަށް މިނިސްޓްރީގައި އެކަށީގެންވާ ވަރަށް ވަސީލަތްތަކާއި މުވައްޒަފުން ނެތުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ