ދިވެހިރާއްޖެއިން މިއަހަރު ޙައްޖަށް މީހުން ގެންދިއުމަށް ދީފައިވާ 1000 ޖާގައިގެ ތެރެއިން ޙައްޖު ކޯޕަރޭޝަނަށް ދޫކޮށްފައިވާ 550 ޖާގައިގެ ތެރެއިން 80 ޖާޙަ އިސްލާމިކް މިނިސްޓްރީގެ ބޭނުމަށް ނަގައިފިއެވެ.
ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން ޝާއިއުކޮށްފައިވާ “ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލު” ގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްލާމިކް މިނިސްޓްރީގެ ބޭނުމަށް 80 ޖާގަ ރިޒާވްކުރައްވާފައިވާ ކަމަށެވެ.
"އެހެންކަމުން މި ކޯޕަރޭޝަންގެ ބޭނުމަށް ލިބިފައިވަނީ 550 ޖާގައިގެ ތެރެއިން 470 ޖާގަ. މިދެންނެވި 470 ޖާގައިން ކޯޕަރޭޝަނުން ޙައްޖުގެ ކަންކަމުގައި ބޭނުންވާ އެކިއެކި އެހީތެރީންނާއި ފަންނީ މަސައްކަތްތެރީންނަން 31 ޖާގަ ވަނީ ނެގިފައި." ޙައްޖު ކޯޕަރޭޝަނުން ވިދާޅުވިއެވެ.
މިފަހަރު ޙައްޖަށް ގެންދިޔުމަށްޓަކައި 439 ޖާގަ ޙައްޖާޖީންނަށް ދޫކޮށްފައިވާނެ ކަމަށާއި، އެގޮތުން މިހާތަނަށް 514 ބޭފުޅުންނަށް ޙައްޖައް ވަޑައިގަތުމަށް ޖާގަ ލިބުނުކަމުގެ ދަޢުވަތު ފޮނުވާފައިވާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވިއެވެ.
އެ ކޯޕަރޭޝަނުން ވިދާޅުވީ، މީގެތެރެއިން އެކިއެކި ސަބަބުތަކައްޓަކައި 75 ބޭފުޅުންވަނީ މިއަހަރު ހައްޖަށް ވަޑައިގެނެވެން ނެތްކަން އަންގާފައި ކަމަށާއި، މިއަދާ ހަމައަށް 439 ބޭފުޅުން ދަޢުވަތު ޤަބޫލްކުރައްވާފައިވާކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވިއެވެ.
								
											

