ކުޑަކުދިންނަށް ހާއްސަ ދިވެހި ކާޓޫނެއް ކަމަށްވާ "ކާއިލް އާއި ލޫލޫ" މިހާރު ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) އިން ބެލޭނެ ކަމަށް ދިރާގުން ބުނެފި އެވެ.
"ގޮރިއްލާ ސެލްސް" އިން ޕްރޮޑިއުސްކޮށްފައިވާ ކާއިލް އާއި ލޫލޫ އަކީ ހާ ށަވިޔަނި ލިޔަން ކިޔަން ދަސްކޮށްދިނުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ކާޓޫނެކެވެ. މިއީ މި ކުންފުނިން ޕްރޮޑިއުސްކޮށްފައިވާ މީގެ ފުރަތަމަ ކާޓޫނެވެ.
ކުރިއަށް އޮތްތަނުގައި ކާއިލް އާއި ލޫލޫގެ އިތުރު ކާޓޫންތައް ހެދުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ކާޓޫން ހާއްސަކޮށްފައިވަނީ އުމުރުން 2-7 ދެމެދުގެ ކުދިންނަށެވެ.
ދިރާގުން ދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން ވީއޯޑީ އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ފިލްމާއި ޑޮކިއުމެންޓްރީތައް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލައިލެވުމުގެ ފުރުސަތު ލިބޭ ޕްލެޓްފޯމެކެވެ. ދިރާގުން މިހާރު އަންނަނީ ވީއޯޑީ ލައިބްރަރީ މުއްސަނދިކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.




