އިމާރަތް ކުރަން ބޭނުންކުރާ ބައެއް ތަކެތި ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާރ މިނިސްޓްރީގެ ހުއްދަނެތި އެތެރެކުރުން މަނާކުރީ ވަކިބަޔަކަށް މަންފާ ހޯދަދޭން ކަމަށް ޓްރޭޑް ޔޫނިއަން އިން ބުނެފިއެވެ.
އިމާރާތް ކުރަން ބޭނުންވާ ތަކެތީގެ ތެރެއިން ހަ ބާވަތެއް، ޕްލޭނިން މިނިސްޓްރީގެ ހުއްދަނެތި ރާއްޖެ އެތެރެކުރުމާއި، އުފެއްދުން މަނާ ކޮށްފައިވަނީ ވަކިބަޔަކަށް މަންފާ ހޯދައިދިނުމަށް މަގުފަހިކުރުމަށް ކަމަށް އެ ޔޫނިއަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ. އަދި އެއީ ގަވާއިދުތަކާއި އުސޫލުތައް ބަދަލުކޮށްގެން ހިންގޭ ނިޒާމީ ކޮރަޕްޝަންގެ ޗެއިނަށް އިތުރުވި ބޮޅެއް ކަމަށް އެ ބަޔާނުގައި ވެއެވެ.
ހުއްދަނެތި ސިމެންތިއާއި، ކޮންކްރީޓަށް ބޭނުންވާ ހުރިހާ ގްރޭޑެއްގެ ހިލައާއި، ކޮންކްރީޓަށް ބޭނުންވާ ހުރިހާ ވައްތަރެއްގެ ވެލީގެ އިތުރުން ސްޓްރަކްޗަރަލް ދަގަނޑާއި، ހުރިހާ ގްރޭޑެއްގެ ރެޑީ މިކްސް ކޮންކްރީޓުގެ އިތުރުން އިމާރާތް ކުރުމަށް ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ގާ ރާއްޖެ އެތެރެކޮށްފި ނަމަ އެތަކެތި މޯލްޑިވްސް ކަސްޓަމްސުން ހިފަހައްޓާނެކަމަށް އަންގާފައިވާތީ، ކަންބޮޑުވާކަމަށް ޓްރޭޑް ޔޫނިއަން އިން ބުނެއެވެ.
ޓްރޭޑް ޔޫނިއަން އިން ވިދާޅުވީ ހަ ބާވަތެއްގެ މެޓީރިއަލް، ޕްލޭނިން މިނިސްޓްރީގެ ހުއްދަ ނެތި އެތެރެކުރުމާއި އުފެއްދުން މަނާކުރީ، އެތަކެއްޗަކީ އެންމެ ރަނގަޅު ފެންވަރުގެ ތަކެތި ކަމަށް ހެދުމުގެ ބޭނުމުގައިކަމަށް، ބުނެ، އެތެރެކުރުމުގެ ހުއްދަ ލިބޭނީ "އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދު" ގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ހަމަޖެއްސުމަކީ، ދެއުޅިއެއްވާ ކަމެއް ނޫން ކަމަށެވެ.
ޓްރޭޑް ޔޫނިއަނުން ބުނީ، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާރ މިނިސްޓްރީގެ މިއަމަލަކީ، އިޤްތިޞާދު ގައި ހުރިހާ ވިޔަފާރިތަކަށްވެސް ޙަރަކާތްތެރިވެވޭގޮތަށް އޮތް މިނިވަން ފުރުޞަތު ހަނިކޮށް ސަރުކާރުން ސިނާއަތަށް ވަދުމަށް މަގުފަހިކުރުމަށް ކޮށްފައިވާކަމެއް ކަމަށެވެ.
އަދި އެއީ މިނިވަން އިޤްތިޞާދުގެ ހަމަތައް ގެއްލުވާލާ ޒަމާނުއްސުރެ ރާއްޖޭގައި ހިފާއްޓަމުން އަންނަ "ކޮމާންޑް އެކަނަމީ" ގެ ސިފަތައް އިޤްތިޞާދުގައި އަށަގެންނެވުމަށް ކުރެވިފައިވާ މަސައްކަތެއް ކަމަށެވެ.
އޭގެ އިތުރުން ސަރުކާރުގެ އެ ނިންމުމަކީ މުދާ އެތެރެކުރާ ފަރާތްތަކަށާއި، އުފެއްދުން އުފައްދާ ފަރާތްތަކަށް އިދާރީ ތަކުލީފު އިތުރުކޮށް، އެއްކަމެއްގައި އެތައް ހުއްދައެއް ސަރުކާރުގެ އެކި އިދާރާތަކުން ހޯދަންޖެހޭގޮތަށް، ކަނާއަތު ފިޔައިގެ މިނިވަން އިޤްތިޞާދުގެ ހަމަތައް ޤާއިމުކުރުމަށް މަސައްކަތްކުރާ ސަރުކާރަކުން އަޅާނެ ފިޔަވަޅެއްނޫންވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކޮމިއުނިޒަމް އާއި ސޯސަލިޒަމްގެ ވާއަތު ފިޔައިގެ ހަރުކަށި ފިކުރިއްޔާތުތަކުގެ ސަބަބުން، ސަރުކާރުން ސީދާ ވިޔަފާރިކުރުމާއި، ޕަބްލިކް ސެކްޓާރ އާއި ޕްރައިވެޓް ސެކްޓަރ ތަރައްޤީކޮށް ވާދަވެރިކަން ނުއުފެއްދުމުގެ ނަތީޖާއަކަށް ވެފައިވަނީ، މިނިވަން މާރުކޭޓް އިޤްތިޞާދެއް ޤާއިމުކޮށް ވަކިވަކި ގުދުރަތީ ސަޙުޞުތަކަށާއި ޤާނޫނީ ސަޙުޞުތަކަށް ލިބެންޖެހޭ އިޙްތިޔާރުކުރުމުގެ މިނިވަންކަން ހަނިވުން ކަމަށެވެ.
ވިޔަފާރީގެ މިނިވަންކަން ވިޔަފާރިތަކަށާއި އެންމެހާ ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށްޓަކައި، ޕްލޭނިން މިނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލު އަލުން މުރާޖައާކޮށް ބާތިލްކުރުމަށް އެ މިނިސްޓްރީއަށާއި ދިވެހި ސަރުކާރަށް އެ ޔޫނިއަނުން ވަނީ ގޮވާލާފައެވެ.




ހިޔާލު
ދެން ސިމެންތި ކޮތަޅެއް އާދައިގެ މީހަކަށް ނުގަނެވޭ ވަރަށް އަގު އުފުލިގެންދާނީ. އިންޑިއާ އާ ގުޅިގެން މި ރާއްޖެ ތަރައްގީ ވިޔަ ނުދޭން އެޅި ވަރަށް އަނިޔާވެރި ޚުދުމުޚުތާރު ބޭ އިންސާފު ފިޔަވަޅެއް.