ދިވެހިރާއްޖޭގައި މިވަގުތު އެންމެ ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ އިމާރާތް ކުރުމުގެ ދާއިރާއަށް އިންވެސްޓް ކުރާނެ ހާއްސަ ބޭންކެއް ބޭނުންވާ ކަމަށް، ބޭރުގެ ގިނަ މާހިރުން ލަފާ ދެއްވަމުން ގެންދަވާކަމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ވިދާޅުވެއްޖެއެވެ.
އެމްއެންއޭސީއައިގެ ނައިބް ރައީސް އަދްނާން ހަލީމް މިހެން ވިދާޅުވީ، ދަރުބާރުގޭގައި މިހާރު ކުރިއަށްދާ "ބިޒްނަސް ކޮންވެންޝަން" ގައި "ކުދި އަދި މެދުފަންތީގެ ކޮންސްޓްރަކްޝަން ވިޔަފާރި" އާ ބެހޭ ގޮތުން ދެއްވި ޕްރެޒެންޓޭޝަންގައެވެ.
އަދްނާން ހަލީމް ވިދާޅުވީ، ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި، ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި ގިނައިން ތިބީ ކުދި އަދި މެދުފަންތީގެ ކުންފުނިތައް ކަމަށާއި ދާއިރާއަށް މަޝްރޫއުތައް ދޭއިރު "އޯޕަން ބިޑިން ޕްރޮސެސް" އެއް ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. މީގެ އިތުރުން އިމާރާތް ކުރުމުގެ ދާއިރާ އާއި ހުރިހާ ދާއިރާތަކެއް ގުޅި ލާމެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އޯޕަން ބިޑިން ޕްރޮސެސްއެއް އޮންނަން އެބަޖެހޭ. އެހެންނޫނީ މިވާގޮތަކީ ބިޑްކުރާ ފަރާތްތާއި ގުޅުން އޮތް ބަޔަކަށް ނޫނީ ގާތް ބަޔަކަށް މިދެނީ. ނަމަވެސް ނުދަންނަ، ރަހުމަތްތެރި ނޫން ކޮންޓްރެކްޓަރެއް ވެސް ހުރެދާނެ. ބައެއް މަޝްރޫއުތައް މި ހުންނަނީ ކުދި ކުންފުނިތަކާއި މެދު ފަންތީގެ ކުންފުނިތަކަށް ނުނެގޭ ވަރަށް ޕެކްކޮށްލާފައި." އަދްނާން ވިދާޅުވި އެވެ.
އަދްނާން ވިދާޅުވީ ބައެއް ޕްރޮޖެކްޓްތައް އެއްކޮށްލައި ހަވާލު ކުރުމުގެ ނަތީޖާއަކަށް ވެފައިވަނީ، މަސައްކަތް ހަވާލުކުރާ ފަރާތުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްނުވެ މަސައްކަތް ފެއިލްވަމުން ދިއުން ކަމަށެވެ.
"ރާއްޖޭގެ ރަށްރަށަށް ބަލައިލިއަސް، ނޫނީ މާލެ ތެރެއަށް ބަލައިލިއަސް މިފަދަ ތަންތަން ފެންނާނެ. ދަބަރަށް ވަމުންދާ ދަގަނޑުތައް ވެސް ވަރަށް ގިނައިން ފެންނާނެ. މިއީ މުސްތަގުބަލުގައި ވިސްނަން ޖެހޭކަމެއް. ރާއްޖޭގައި ތިބި ރަނގަޅު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އޯޕަން ބިޑިންގެ ދަށުން ހަވާލު ކުރަން ޖެހޭ،" އަދްނާން ވިދާޅުވި އެވެ.
އަދްނާން އިތުރަށް ވިދާޅުވީ ރާއްޖޭގައި ފޮރިން ކޮންޓްރެކްޓާސްއަށް ހާއްސަ ގަވާއިދެއް ހަދާފައިވާ ކަމަށާ، ނަމަވެސް އެ ގަވާއިދަށް މިހާރު ބަދަލު ގެނެސް ފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރާއި މަސީ ގުޅިގެން އެކުލަވާލި ގަވާއިދުގައި އޮންނާނީ ފޮރިން ކޮންޓްރެކްޓަރުން ރާއްޖޭގެ ޕްރޮޖެކްޓްތަކަށް އަންނާނީ ފަސް މިލިއަން ޑޮލަރު އިންވެސްޓް ކުރާ ގޮތަކަށް ކަމަށް ކަމަށާއި، ނަމަވެސް އެ ގަވާއިދު ފަސް މިލިއަން ރުފިޔާއަށް ބަދަލުކޮށްފައިވާއިރު، ބަދަލު ގެނައި އިރެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ދިވެހިރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް ޚާއްޞަ ބޭންކެއް ބޭނުންވާކަމަށް އެމްއެންއޭސީއައި ވިދާޅުވިއިރު، އެ ދާއިރާއަށް ހަރުދަނާ އުޞޫލުތަކެއްވެސް ބޭނުންވެއެވެ.




