ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީ ހޮވަން ޖެހޭނީ ޤާނޫނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންކަން ޤާނޫނީ ފަންނުގެ ޤާނޫނުގެ 6 އަދި 11 ވަނަ މާއްދާއިން ވަރަށް ސާފުކޮށް އެނގެން އޮތް އިރު، އިލެކްޝަން ކޮމިޝަނަށް އުޞޫލެއްގެ ދަށުން އެޙައްޤު ހަނިކުރެވޭނެ ޤާނޫނީ ހައިސިއްޔަތެއް ނެތަ ކަމުގައި ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ފުރަތަމަ އެގްޒެކްޓިވް ކޮމިޓީގެ އިންތިހާބުގެ އުޞޫލުގައި ބުނެފައިވަނީ ބާ ކައުންސިލްގެ އެޒްޒެކްޓީވް ކޮމެޓީގެ އިންތިޚާބުގައި އިންތިޚާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު ރައީސްއާއި ނައިބުރައީސްގެ މަޤާމުތަކަށް ކުރިމަތިލައިފައިވަނީ ޝަރުތުހަމަވާ އެއްމެ ވަކީލެއް ނަމަ، އެ ވަކީލު ކުރިމަތިލި މަޤާމަށް އިންތިހާބުވެއްޖެކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާނު ކުރަން ވާނެކަމަށެވެ.
އަދި ބާކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ 6 މެންބަރުންގެ ކުރިމަތިލާފައިވަނީ ޝަރުތުހަމަވާ 6 ޤާނޫނީ ވަކީލުންނަމަ، އެ 6 ވަކީލުން އެގްޒެކްޓިވް ކޮމިޓީގެ މެންބަރުކަމަށް އިންތިހާބުވެއްޖެކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާނު ކުރަން ވާނެކަމަށެވެ.
އަދި ބާކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ 6 މެންބަރުންގެ މަޤާމަށް ކުރިމަތިލާފައިވަނީ ޝަރުތުހަމަވާ 6 ޤާނޫނީ ވަކީލުންނަށްވުރެ މަދުން ކަމުގައިވާނަމަ، އެ ވަކީލުން އެގްޒެކްޓިވް ކޮމިޓީގެ މެންބަރުކަމަށް އިންތިހާބުވެއްޖެކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާނުކޮށް، ހޮވަންޖެހޭ ބާކީ މެންބަރުން ހޮވުމަށް މި މާއްދާގައިވާ ގޮތުގެ މަތިން، އިންތިހާބުވިކަން އާންމުކޮށް އިޢުލާނުކުރާ ދުވަހުން ފެށިގެން 5 ދުވަހުގެ ތެރޭގައި އަލުން އިޢުލާނުކުރަން ވާނެކަމަށެވެ.
މިގޮތުން ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ފުރަތަމަ އެގްޒެކްޓިވް ކޮމިޓީގެ އިންތިހާބުގެ އުޞޫލުގެ 22 ވަނަ މާއްދާ އިސްލާހުކޮށް، ޤާނޫނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން އެގްޒެކްޓިވް ކޮމިޓީ އިންތިހާބު ކުރުމުގެ ފުރުޞަތު ކަށަވަރު ކޮށްދިނުމަށް އަޙްމަދު އުޝާމް ވަނީ އިލެކްޝަން ކޮމިޝަނަށް ގޮވާލާފައެވެ.