ރާއްޖޭގައި ބިދޭސީ ޤާނޫނީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށް ނިންމައި، ބިދޭސީ ޤާނޫނީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމާބެހޭ ގަވާއިދު އެކުލަވާލައި އާންމުކޮށްފި އެވެ.
ދިވެހިރާއްޖޭގެ ބާ ކައުންސިލުން މިއަދު އާންމުކޮށްފައިވާ ބިދޭސީ ޤާނޫނީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމާބެހޭ ގަވާއިދުގައި ވާގޮތުން ދިވެހިރާއްޖޭގެ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގައި، ބާ ކައުންސިލުގައި ރަޖިސްޓަރީ ކޮށްފައިވާ، ލޯ ފާރމެއް ނުވަތަ ލީގަލް ޕްރެކްޓިސްއެއް، ބަންޑާރަނައިބުގެ އޮފީސް އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އާއި ގުޅިގެން، އެ މައްސަލައެއްގައި ބިދޭސީ ޤާނޫނީ ވަކީލަކު ވަކާލާތު ކުރުމުގެ ހުއްދައަށް އެދި، ބާ ކައުންސިލަށް ހުށަހެޅިދާނެ ކަމަށެވެ.
ބިދޭސީ ޤާނޫނީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ، ބިދޭސީ ޤާނޫނީ ވަކީލު ޢައްޔަނުކުރަން ބޭނުންވާ ފަރާތުން، ބާ ކައުންސިލުން އެ ކަމަށް ކަނޑައަޅާފައިވާ ފޯމުންނެވެ. މި ފޯމް ބާ ކައުންސިލުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާނެ ކަމަށް އެގަވާއިދުގައި ވަނީ ބުނެފައެވެ.
ބިދޭސީ ޤާނޫނީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދައަށް އެދޭތާ ރަސްމީ 7 ދުވަހުގެ ތެރޭގައި ބާ ކައުންސިލުން އެ ވަކީލަކު ވަކާލާތު ކުރުމުގެ ހުއްދަ އާއި މެދު ގޮތެއް ނިންމައި ހުށައެޅި ފަރާތައް ޖަވާބު ދޭނެ ޖެހެއެވެ.
ބިދޭސީ ޤާނޫނީ ވަކީލުން އައްޔަން ކުރާނަމަ ފީ އެއް ނެގުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން ދަށު ކޯޓުގައި ވަކާލާތު ކުރުމަށްނަމަ، 2000 ރުފިޔާ ދައްކަން ޖެހޭއިރު ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަކާލާތު ކުރުމަށްނަމަ، 5000 ރުފިޔާ އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމަށްނަމަ 10000 ރުފިޔާގެ ފީއެއް ދައްކަވަން ޖެހޭނެ އެވެ.
ރާއްޖޭގެ ކޯޓެއްގައި މިހާތަނަށް ބޭރުގެ ވަކީލަކު ވަކާލާތު ކުރުމުގެ ހުއްދަ ދީފައެއް ނުވެއެވެ.