ވޮމެންސް ވޯލްޑްކަޕް ސެމީފައިނަލްގައި ރޭ އިންގްލޭންޑް އަދި އެމެރިކާ ކުޅުނު މެޗުން މޮޅުވެ މުބާރާތުގެ ފައިނަލަށް އެމެރިކާ ދަތުރުކޮށްފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު އެމެރިކާ ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއްވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނަޓްގައި ފެނިގެންދިޔައީ އެމެރިކާގެ ޕްރެސްގެ ފަރާތުންނެވެ. ޕްރެސްގެ މިލަނޑު ޖަހާފައިވަނީ ބޮލުންނެވެ.
އޭގެ ދިހަ މިނަޓްފަހުން އިގްލޭންޑުން ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. އިންގްލޭންޑަށް މިލަނޑު ކާމިޔާބުކޮށްދިނީ އެލަން ވައިޓެވެ. މިއީ މިމުބާރާތުގައި ވައިޓް ކާމިޔާބުކޮށްދިން 6 ވަނަ ލަނޑެވެ.

ދެވަނަ ފަހަރަށް އެމެރިކާއިން ލީޑުނެގީ އެލެކްސް މޯގަން 31 ވަނަ މިނަޓްގައި ޖަހައިދިން ލަނޑުންނެވެ. މިއީ މޯގަންވެސް މިމުބާރާތުގައި ޖެހި 6 ވަނަ ލަނޑެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރީގައިވެސް އިންގެލޭންޑްގެ އެލަން ވައިޓާއެކު މޯގަން ހިމެނެއެވެ.
މޯގަންގެ ލަނޑަށްފަހު އުފާފާޅުކޮށްވަނީ އިންގްލޭންޑް ސަޕޯޓަރުންނަށް މަލާމަތްވެސް ކޮށްފައެވެ. މޯގަން ލަނޑަށް ފަހު އޭނާ ކަޅުސައި ބޯ ކަމަށް ހެދިފައެވެ. މިއުފާފާޅުކުރުމަށް ގިނަބަޔަކު ފާޑުކިއަމުންދާއިރު މޯގަން ބުނީ އެނާ އެގޮތަން ކަންތައްކުރީ މަލާމަތްކުރުމުގެ ނިޔަތުގައި ނޫންކަމަށައި ނަމަވެސް މެޗުގެ ފޯރު ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމުގެ ގޮތުންކަމަށެވެ.
މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަކުރުމަށް ރަނުގެ ފުރުޞަތެއް އިންގްލޭންޑަށްވަނީ ލިބިގެން ގޮސްފައެވެ. ވީއޭއާރު ބެލުމަށްފަހު ރެފްރީދިން މިޕެނަލްޓީ އިންގެލޭންޑްގެ ސްޓެފަނީ ފޮނުވާލިއިރު އެމެރިކާގެ ކީޕަރު ނައެހާވަނީ ދިފާޢުކޮށްފައެވެ. އޭގެ ދެމިނަޓްފަހުން އިންގްލޭންޑްގެ މިލީ ބްރައިޓަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދައްކާ ދަނޑުން ފޮނުވާލިއެވެ.

މިއީ ޖެހިޖެހިގެން އެމެރިކާ ވޯލްޑްކަޕް ފައިނަލަށް ދަތުރުކުރި ތިން ވަނަފަހަރެވެ. މުބާރާތުގައި ޖެހިޖެހިގެން 11 މެޗުން މޮޅުވެ އެމެރިކާވަނީ ރޭ އާ ރެކޯޑެއްވެސް ހަދާފައެވެ. ރޭގެ މެޗު އެމެރިކާ ކުޅެފައިވަނީ އަނިޔާގައިހުރި މުބާރާތުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ފޯވާޑް މޭގަން މރަފީނޯ ޓީމުގައި ނުހިމަނައެވެ.
ފައިނަލްގައި އެމެރިކާއާއި ދެކޮޅަށް ނުކުންނާނެ ޓީމެއް ޔަޤީންވާނީ މިރޭ ނެދަލެންޑް އަދި ސްވިޑެން ބައްދަލުކުރާ ސެމީ ފައިނަލްގެ ދެވަނަ މެޗަށްފަހުގައެވެ. އެމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 12:00 ގައެވެ.




