މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަރިދަފުސް ރޯގާއާއި ވައިރަލް ހުން އަދި އިންފްލުއެންޒާ ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާތީ ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، އިންފްލުއެންޒާގެ ބާވަތްތަކުގެ ތެރެއިން މިދުވަސްވަރު ފެތުރެމުންދަނީ އިންފްލުއެންޒާ ބީ ކަމަށެވެ.
"އަރިދަފުސްރޯގާ އާއި އިންފްލުއެންޒާ ފަދަ ބަލިތަކަކީ ވަރަށް ފަސޭހައިން ފެތުރޭ ބަލިތަކަކަށްވާތީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން ގެންދިއުން މުހިންމު." އެޗްޕީއޭގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތައް:
- އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމަތީގަޔާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން. އަދި ބޭނުންކޮށްފައިވާ ޓީޝޫ ފަދަ ތަކެތި ހާމައަށް އެއްލާނުލުން.
- ޢާއްމުސާފުޠާހިރުކަމަށް ޚާއްޞަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން.
- ރޯގާޖެހި ކެއްސާނަމަ، އޮފީސް، ސްކޫލް އަދި މީހުން އެއްވެއުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކޮށްލުން. ޚާއްޞަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން.
- އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގިނަގިނައިންދިޔާ ތަކެތި ބޭނުންކުރުމާއި އަރާމުރުމާއި އަދި ހުންއައިސް ގައިގައި ރިއްސާނަމަ ޕެރަސެޓަމޯލް ނޫން ބޭހެއް ނޫނުން ނުކުރުން.
- އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ފުރަތަމަ ތިން ދުވަހު ގޭގައި މަޑުކޮށްލުން.، ނަމަވެސް ބަލީގެ އާލާމާތްތައް އިތުރަށް ގޯސްވާނަމަ ނުވަތަ ހުން އައިސް ރޯގާ ޖެހި 3 ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުން.
- ނުރައްކާވުމުގެ ފުރުޞަތު ބޮޑު މީހުންގެ ތެރެއިން އުމުރުން 5 އަހަރުން ދަށުގެ ކުދިން، މާބަނޑު މީހުން، އުމުރުން ދޮށީ މީހުންނާއި ދިގު މުއްދަތަކަށް ފަރުވާކުރާ ބަލިމީހުން އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިންޖެހުން އަދި މި ފަރާތްތައް ރޯގާ ޖެހި ހުން އަންނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރެއްގެ ލަފާ ހޯދުން.
- ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލި މީހާއާއެކު ވީހާވެސް މަދު މީހުން ހޮސްޕިޓަލަށް ދިއުން، އަދި ބަލިމީހުންނަށް ޒިޔާރަތްކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުމަށާއި ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ހާލަތްތަކުގައި މެނުވީ ހޮސްޕިޓަލަށް ނުދިއުން.
މި ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ އިތުރު ފިޔަވަޅުތައް ދެނެގަތުމަށްޓަކައި ހެލްތުޔ ޕްރޮޓެކްޝަން އެޖެންސީގެ ޓވިޓަރ އަދި ފޭސްބުކް ޕޭޖަށް ފޮލޯ ކުރުމަށްވެސް އެޗްޕީއޭއިން އެދިލައްވައެވެ.




