ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމަށް ރުވާންޑާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ ރުވާންޑާގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ ޑރ. ރިޗާރޑް ސެޒިބޭރާއާ ބައްދަލުކުރެއްވުމަށްފަހު، ކުރެއްވި ޓްވީޓެއްގައެވެ.
ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ރުވާންޑާގެ އިތުރުން އޮސްޓްރޭލިއާއި އިނގިރޭސިވިލާތުން ވެސް ވަނީ ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވާފައެވެ.
މިދަތުރު ފުޅުގައި ރުވާންޑާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޑރ. އެދޮވާދު ގިރެނޭއާ ވެސް ވަނީ ނަޝީދު ބައްދަލުކުރައްވާފައެވެ.
ރާއްޖެ ކޮމަންވެލްތާ ގުޅުމަކީ ރައީސް އިބްރާހިމް މުއްމަދު ސޯލިހްގެ ރިޔާސީ ވަޢުދަކަށްވާއިރު، އެމަނިކުފާނުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ވެސް ރާއްޖެ ކޮމަންވެލްތާ ގުޅުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ވަނީ ހިމަނާފައެވެ.
އެގޮތުން މިދިޔަ ނޮވެމްބަރު 19 ވަނަ ދުވަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ވަނީ ރާއްޖެ ކޮމެންވެލްތާ ގުޅުމަށް ނިންމައިފަ އެވެ. މި ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ތާއީދުކޮށްފައެވެ.
ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި 34 އަހަރު ވަންދެން އޮތުމަށް ފަހު އެ ޖަމާއަތުން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ.