ޤާނޫނީ ވަކީލުންތަކެއް - ފޮޓޯ: އަވަސް

ބާ ކައުންސިލްގެ ފުރަތަމަ އެގްޒެކްޓިވް ކޮމިޓީގެ އިންތިޚާބުގެ އުޞޫލަށް އިސްލާޙުތަކެއް

ދިވެހިރައްޖޭގެ ބާ ކައުންސިލްގެ ފުރަތަމަ އެގްޒެކްޓިވް ކޮމިޓީގެ އިންތިޚާބުގެ އުޞޫލު ގެ 22 ވަނަ މާއްދާއަށް ބޮޑެތި ބަދަލުތަކެއް އިލެކްޝަން ކޮމިޝަނުން ގެނެސް " ދިވެހިރައްޖޭގެ ބާ ކައުންސިލްގެ ފުރަތަމަ އެގްޒެކްޓިވް ކޮމިޓީގެ އިންތިޚާބުގެ އުޞޫލަށް ގެނައި 1 ވަނަ އިސްލާޙު" މިއަދު އާންމުކޮށްފިއެވެ.

މި އިސްލާހުގެ ދަށުން މި އުޞޫލުގެ 17 ވަނަ މާއްދާއާއި 22 ވަނަ މާއްދާއަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން މި އިސްލާހުގައި ވާ ގޮތުން މި އުޞޫލުގެ 22 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ އިންތިޚާބުގައި، އިންތިޚާބަށް ކުރިމަތިލުމަށް ދިފައިވާ މުއްދަތުހަމަވިއިރު ރައީސްއާއި ނައިބުރައީސްގެ މަޤާމަށް ކުރިމަތިލާފައިވަނީ ޝަރުތު ހަމަވާ އެެންމެ ވަކީލެއްނަމަ، އެ ވަކީލުކުރިމަތިލީ މަޤާމަށް އިންތިޚާބު ކުރާނީ ޤާނޫނު ނަންބަރު 05/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު)ގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އަދި އެމީހަކު އެ މަޤާމަށް ހޮވޭނީ ވޯޓްދިން ވަކީލުންގެ ތެރެއިން ސައްޙަ ވޯޓްގެ އަޣުލަބިއްޔަތުކަމަށެވެ.

އަދި މި މާއްދާގެ (ށ) ގައި ބުނެފައިވަނީ ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ 6 މެންބަރުންގެ މަޤާމަށް ކުރިމަތިލައިފައިވަނީ ޝަރުތު ހަމަވާ 6 ވަކީލުންނަމަ، ނުވަތަ އެއަށްވުރެ މަދު ވަކީލުންނަމަ، އެ ވަކީލުން އެގްޒެކްޓިވް ކޮމިޓީގެ މެންބަރުކަމަށް އިންތިޚާބު ކުރާނީ ޤާނޫނު ނަންބަރު 05/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު)ގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އަދި އެމީހަކު އެ މަޤާމަށް ހޮވޭނީ ވޯޓްދިން ވަކީލުންގެ ތެރެއިން ސައްޙަ ވޯޓްގެ އަޣުލަބިއްޔަތުންނެވެ.

މި މާއްދާގެ (ނ) ގައި ބުނެފައިވަނީ (ހ) އަދި (ށ) ގައި ބަޔާން ކޮށްފައިވާ ވޯޓް ނަގާނީ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގައިކަމަށެވެ.

އަދި މި މާއްދާގެ (ރ) ގައި ބުނެފައިވަނީ މި މާއްދާގައި ބަޔާންކޮސްފައިވާ ފަދައިން، ވޯޓް ދިން ވަކީލުންގެ ތެރެއިން ޞައްޙަ ވޯޓް ގެ އަޣުލަބިއްޔަތު އެ ކެނޑިޑޭޓަކަށް ނުލިބިއްޖެނަމަ، އެ މަޤާމަށް މީހަކު ނަގަން 5 ދުވަހުގެ ތެރޭގައި އަލުން އިޢުލާނު ކުރަންވާނެވެ ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން މި މާއްދާ އިސްލާހުކޮށްފައިވާއިރު، ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީ ހޮވަން ޖެހޭނީ ޤާނޫނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންކަން ޤާނޫނީ ފަންނުގެ ޤާނޫނުގައި ބުނެފައިވާއިރު، އިލެކްޝަން ކޮމިޝަނަށް އުޞޫލެއްގެ ދަށުން އެޙައްޤު ހަނިކުރެވޭނެ ޤާނޫނީ ހައިސިއްޔަތެއް ނެތްކަމަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު އުޝާމް އިއްޔެ ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ