ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ލީޑަރު އަހުމަދު އަދީބު ޢަބްދުލްޤަފޫރު ބޭސްފަރުވާއަށްފަހު އިންޑިއާއިން އެނބުރި މިއަދު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ. ނަމަވެސް އަދީބު މާލެ ވަޑައިގަންނަވާ ގަޑި އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
ބޭސްފަރުވާއަށް އަދީބު އިންޑިއާއަށް ވަޑައިގެންފައިވަނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. އެމަހުގެ 26 ގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް އިންޑިއާއަށް ވަޑައިގަތް ނަމަވެސް ބޭސްފަރުވާގެ ކަންކަން ނުނިމޭތީވެ އަދީބަށް ދިން މުއްދަތު ވަނީ އިތުރުކޮށްފައެވެ.
އަދީބަށް ފަރުވާދިން އިންޑިއާގެ ޕޫނާގައި ހުންނަ ރޫބީ ހޯލް ކްލިނިކުން އިރުޝާދު ދީފައިވަނީ، ހަމަސް ފަހުން އަލުން ޑޮކްޓަރަށް ދެއްކުމަށް އެ ހޮސްޕިޓަލަށް ވަޑައިގަތުމަށެވެ.
އެއް އަހަރު ދުވަހުގެ މުއްދަތުގެ ވަގުތީ ޓްރެވަލް ޑޮކިއުމެންޓެއްގައި އިންޑިއާއަށް ވަޑައިގެން ހުންނަވަނިކޮށް، ސްޕްރީމް ކޯޓުގެ އަމުރަކަށް އަދީބްގެ ޕާސްޕޯޓް ވަނީ ކަރެކްޝަންސް އިން ހިފަހައްޓާފައެވެ.
އަދީބު ބޭސްފަރުވާއަށް އިންޑިއާގައި ހުންނެވީ ކަރެކްޝަންސް އޮފިސަރުންނާއި، ފުލުހުންގެ އޮފިސަރުންނާއެކު އާއިލާގެ ހަވާލުގައެވެ.
އަދީބު ބޭސްފަރުވާއަށް ގޮސް ފިލައިފިނަމަ އެއީ މުޅި ދިވެހި ދައުލަތް ފެއިލްވުން ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ.




