ފުލުހުންގެ އޮޕަރޭޝަންތަކާއި ހަރަކާތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ޖަވާބުދާރީވުމުގައި މިހާރަށްވުރެ ފުރިހަމަވާންޖެހޭކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ މިމަހުގެ 6 ވަނަ ދުވަހުގެރޭ ދ. ވާނީގައި ބޭއްވި ޖޫނިއަރ އޮފިސަރސް ކޮމާންޑް ކޯހުގެ “މެސް ނައިޓް” ގައި ކޯހުގެ ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފުލުހުން ޖަވާބުދާރީ ކުރުވުމަށް ޤާނޫނީގޮތުން މަތިކޮށްފައިވާ މުއައްސަސާތަކަށް ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން މިހާރަށްވުރެ ބޮޑަށް ދިނުމަކީ ކުރަންޖެހޭކަމެއްކަމަށާއި ފުލުހަކު ޤާނޫނާއި ޤަވާއިދުތަކާ ޚިލާފުވެއްޖެނަމަ، ޤާނޫނާއި ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެފުލުހަކާމެދު ފިވަޔަޅު އެޅިގެންދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ވިދާޅުވެފައެވެ.
މިވާހަކަފުޅުގައި، ނުރައްކާތެރި ކުށްވެރިންގެ ކިބައިން ރައްޔިތުން ސަލާމަތްކޮށް، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރި އާމާން މާހައުލެއް ޤާއިމް ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަކީ ފަޚުރުވެރިވާފަދަ މަސައްކަތްތަކެއް ކަމަށާއި ފުލުހުން ކުރަމުންދާ މި މަސައްކަތުގައި ނުރައްކާތެރި ކުށްވެރިންގެ ކިބައިން ފުލުހުންނަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ފަސްޖެހުމެއްނެތި ސާބިތުކަމާއެކު ކުރިމަތިލައި ފުލުހުން ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައި ވެއެވެ.
ހަމައެއާއެކު ޖޫނިއަރ އޮފިސާރސް ކޮމާންޑް ކޯހަކީ ފުލުހުންގެ ކަންކަން ކުރިއެރުވުމަށް ހަވާލުވާ ކޮމިޝަންޑް ރޭންކުތަކަށްދާ ފުލުހުންގެ އުގެނުމާއި ތަޖުރިބާ ހާސިލްކުރުމާ، ފުލުހުންގެ ކެރިއާރގައި މުހިންމު ހަރުފަތްތަކެއް ގިރާކުރުމަށް ޕޮލިސް އެކަޑަމީން ފަރުމާކުރެވިގެން ހިންގަމުންދާ ކޯހެއްކަން ފާހަގަކުރެއްވިއެވެ. އަދި މި ކޯހުން ދަސްވާ އިލްމާ ހިލްމު ބޭނުން ކުރުމަކީ މި ކޯހުގެ މުހިންމު އެއްބައި ކަމުގައި ބަލައިގަނެގެން މަސައްކަތްކުރުމަކީ ފުލުހުންގެ މުއައްސަސާއަށް އިތުރު ކުރިއެރުމާއި މުއައްސަސާގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް އިތުރުވެގެންދާނެ ކަމެއްކަމަށް ވިދާޅުވިއެވެ. ޚާއްޞަގޮތެއްގައި ޖޫނިއަރ އޮފިސާރސް ކޮމާންޑް ކޯސް ފުރިހަމަ ކުރާ ފުލުހުންނަކީ ފުލުހުންގެ މެނޭޖްމަންޓާއި، ލީޑަރޝިޕްގެ މަޤާމުތަކުގައި ގިނަ ހަރުފަތްތަކެއް ގިރާކުރަމުންދާ މިއަދުގެ ލީޑަރޝިޕުން ނަމޫނާއެއްގެ ގޮތުގައި ބަލަމުންއަށްނަ ބައެއްކަން ފާހަގަކުރައްވައި، މިތަމްރީނު ފުރިހަމަކުރުމަށްފަހު ޚިދުމަތަށް ނުކުންނަ މުވައްޒަފުންނަކީ މާދަމާ މުއައްސަސާގެ އެކި މަޤާމުތަކާ ހަވާލުވާނެ މުވައްޒަފުންތަކަށްވުމުން، މުއައްސަސާއާއި ރައްޔިތުން ފަޚުރުވެރިވާފަދަ ބަޔަކަށްވުމަށް އުއްމީދު ކުރައްވާކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
މީގެއިތުރުން އެތަކެއް ގޮންޖެހުންތަކެއްހުރި، ވެއްޓެއްގައި ހަރަކާތްތެރިވަމުން އަންނައިރު، ރަނގަޅު ޑިމޮކްރަޓިކް މުޖުތަމަޢުއެއްގެ ތެރެއިން އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތައި، ޤާނޫނީ އިންތަކާއި މިންތަކުގެ ތެރެއިން މަސައްކަތްކުރާ ފުލުހުންގެ މުއައްސަސާއެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއްކަމަށާއި އެގޮތުން މި މުއައްސަސާގެ މަށްޗަށް ރައްޔިތުން ކުރާ އިތުބާރާއި ޔަގީންކަން އިތުރުކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ މުއައްސަސާ މިއަދު އަމާޒު ހިފާފައިވާ މުހިންމު ކަންކަން ހާސިލްކުރުމަށް މި ކޯސް ފުރިހަމަކުރުމަށްފަހު ޚިދުމަތަށް ނުކުންނަ ފުލުހުންނަށް ލިބިފައިވާ ނުވަތަ ލިބެމުންދާ ތަޢުލީމާއި ތަމްރީނާއި ތަޖްރިބާގެ ބޭނުން ހެޔޮގޮތުގައި ބޭނުންކޮށްގެން މަސައްކަތް ކުރާނެ ފުލުހުން ތަކަކަށްވުމަށް އެދޭކަމަށް ކޮމިޝަނަރ އޮފް ޕޮލިސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މި ރަސްމިއްޔާރުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޢަލީ ނަޒީރާއި ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ޑައިރެކްޓަރޭޓްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާން އާއި އެގްޒެކްޓިވް ލެވެލްގެ ގިނަ އޮފިސަރުން ބައިވެރިވެލެއްވިއެވެ.




