ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު - ފޮޓޯ: ސަން

ހެކި ނެތިގެން ދޫކޮށްލަންޖެހުނު މީހުންގެ މައްޗަށް ދައުވާކުރުމަށް އިތުރު މަސައްކަތްތައް ފަށައިފި

މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ހުޅުމާލޭގައި ތިން ފަތުރުވެރިއަކަށް ތޫނު އެއްޗަލުން ހަމަލާދިން މައްސަލާގައި ދައުވާކުރުމަށް އިތުރު ކުރިއެރުންތަކެއް ހޯދުމުގެ މަސައްކަތްކުރަމުން އަންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާ މުޙައްމަދު ޙަމީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އެމައްސަލާއި ގުޅިގެން ފުލުހުން ކުރި ތަޙްޤީޤާއި މިކަމުގައި ފުލުހުން ޢަމަލުކުރިގޮތް އަލުން ބެލުމަށްޓަކައި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޤާނޫނީ ވަކީލަކާއި، ފުލުހުންގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވި ޕެނަލެއް ބާއްވަވާފައިވާކަމަށެވެ.

އަދި މި މައްސަލާގައި ފުލުހުން އެކަށީގެންވާވަރުގެ ތަޙްްޤީޤެއް ހިންގާފައިވާކަމަށާއި، ދައުވާކުރުމަށް އެކަށީގެންވާ ހެކި ހޯދުމާ އިތުރު ކުރިއެރުންތައް ހޯދުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއާއެކު މަސައްކަތްކުރެވެމުންދާކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ޙަމީދު ވިދާޅުވިއެވެ.

އަދި މިމީހުން ދޫކޮށްލާފައިވާ މުއްދަތުގައި މުޖުތަމަޢުއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ހައިކޯޓުން ނެރެފައިވާ މޮނިކޮމް ޢަމުރުގެ ދަށުން އެމީހުން މޮނިޓަރ ކުރެވެމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފެބުރުއަރީމަހުގެ 5 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލެގައި ހިނގި މިހާދިސާގައި ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެމީހަކު ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އައި ޗައިނާގެ ފަތުރުވެރިއަކާއި، ރާއްޖޭގައި މަސައްކަތްކުރާ ޗައިނާގެ ދެމީހަކާއި އޮސްޓްރޭލިއާ މީހަކެވެ.

މިމައްސަލަ ތަޙްޤީޤްކޮށް، 8 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ފުލުހުން ޕީޖީއަށް ފޮނުވާފައިވެއެވެ. އެއީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް މައްސަލާގައި ފުލުހުންގެ ތަޙްޤީޤަށް ހޯދާފައިވާވާ ހެއްކާއި ޤަރީނާތަކުގެ މައްޗަށް ދައުވާކުރެވެން ނެތްކަމަށް ޕީޖީން ނިންމުމާއިގުޅިގެން މިމައްސަލާގައި ބަންދުކޮށްފައިތިބި މީހުން މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ