އިންފްލުއެންޒާ, އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާ ކަމަށާއި، ޑެންގީ އަދި ޗިކު ންގުންޔާވެސް ޖެހޭ މިންވަރު މަދެއްނޫންކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން މިއަދު އާއްމުކުރި ތަފާސްހިސާބުން ދައްކާގޮތުގައި، ހަ މީހަކު މެއި މަހުގެ ތެރޭގައި އިންފްލުއެންޒާއަށް ޕްޒިޓިވް ވެފައިވީ ނަމަވެސް އެ އަދަދު މިދިޔަ މަހު ވަނީ 99 އަށް އިތުރުވެފައެވެ. މިއަހަރުގެ މިހާތަނަށް 675 މީހުން އިންފްލުއެންޒާއަށް ޓެސްޓް ކުރެވިފައިވާއިރު، އޭގެ ތެރެއިން 144 ފަރާތެއް ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވް ވެފައެވެ.
"އިންފްލުއެންޒާއަށް ޓެސްޓްކުރެވެނީ ބަލީގެ އަލާމާތްތައް ފެންނަ މީހުންގެ ތެރެއިން ބަލި ބޮޑުވެ އެނދުމަތި ކުރެވިފައިވާ ެ ފަރާތްތަކުގއެވެ. މި ގޮތުން މި އަހަރުގެ މޭ މަހާ އަޅާ ބަލާއިރު ޖޫން މަހުގައި އިންފްލުއެންޒާއަށް ޓެސްޓް ކުރެވުނު އަދަދު ވަނީ އިތުރުވެފައެވެ. އަދި މީގެ ތެރެއިން ޕޮސިޓިވް ވެފައިވާ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެހެންކަމުން އަރިދަފުސް ރޯގާ އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިއްމު." އެޗްޕީއޭއިމް ވިދާޅުވިއެވެ.
އަރިދަފުސް ރޯގާގެ ޚާލަތަށް ބަލާއިރު، މެއި މަހު 14944 މީޙަކަށް އަރިދަފުސް ރޯގާ ޖެހިފައިވާއިރު، މިދިޔަ މަހު އެ އަދަދު ވަނީ 19653 އަށް އިތުރުވެފައެވެ. ޖޫން މަހުގެ ފަހު ހަފްތާގައި އެކަނިވެސް 5278 މީހުނަށް އަރިދަފުސް ރޯގާ ޖެހިފައިވާއިރު، މިއަހަރުގެ މިިހާތަނަށް 109593 މީހުނަށް އަރިދަފުސް ރޯގާ ޖެހިފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ.
ބޭރަށް ހިންގުމާއި ހޮޑުލުންވެސް ބޮޑުތަނުން އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެެވެ. އެގޮތުން މެއި މަހުގެ ތެރޭގައި 1639 މީހުންނަށް ބޭރަށް ހިންގުމާއި ހޮޑުލުމުގެ މައްސަލަ ދިމާވެފައިވާއިރު، ޖޫން މަހުގެ ތެރޭގައި 2579 މީހުންނަށް އެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އަދި ޖޫން މަހުގެ ފަހު ހަފްތާގައި 490 މީހުންނަށް ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ޖެހިފައިވެއެވެ.
ތަފާސްހިސާބަށް ބަލާއިރު، ވޭތުވެދިޔަ މެއި މަހުގެ ތެރޭގައި 462 މީހަކަށް ޑެންގީ ހުން ޖެހިފައިވާއިރު، މިދިޔަ މަހުވެސް 333 މީހަކަށް ޑެންގީ ހުން ޖެހިފައިވެއެވެ. އަދި މެއި މަހު 328 މީހަކަށް ޗިކުންގުންޔާ ޖެހުނުއިރު އެ އަދަދު ޖޫން މަހު ވަނީ 96 އަށް ދަށްވެފައެވެ.
އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:
- އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިބިހި އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން. އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން.
- ޢާއްމު ސާފުތާހިރުކަމަށް، ޚާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން.
- ރޯގާޖެހި ކެއްސާނަމަ ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން.
- ރޯގާޖެހިފައިވާނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން.
- ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން.
- ބަލި ޖެހުމުން، ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިންޖެހުން މުހިންމެވެ. އަދި މި ފަރާތްތައް ރޯގާ ޖެހި ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ.
- ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާ އެކު ވީހާވެސް މަދުމީހުން ހޮސްޕިޓަލަށް ދިއުން، އަދި ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުމާއި ަ ކޮންމެހެން ހޮސްޕިޓަލަށް ދާންނުޖެހޭ ހާލަތްތކުގައި މެނުވީ ހޮސްޕިޓަލަށް ނުދިއުން.
ވައިރަލް ހުން، ފާނަ ބަސަންދު، ލޮލުރޯގާ، ހ ންޑް ފުޓް އެންޑް މައުތް ފަދަ ބަލިތައް އާއްމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރުވެފައި ނުވާކަމަށްވެސް އެޗްޕީއޭއިން މިއަދު ވަނީ ބުނެފައެވެ.




ހިޔާލު
ރާއްޖެ ކާފަރު ވާ ވަރަކަށް ބަލި ޓައް ގިނަ. ކޯފާ ނޫން ކޮށް ޗެއް.