ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ - ފޮޓޯ: ރައީސް އޮފީސް

ފުލުހުންނާ މެދުގައި ޤާނޫނުން ބޭރުން ފިޔަވަޅެއް ނާޅާނަން - އިމްރާން

މާލޭގެ ގެއެއްގައި ފުލުހުންތަކެއް މީހަކަށް އަނިޔާ ކުރި މައްސަލައިގައި އެކަމުގައި ބައިވެރިވި ފުލުހުންނަށްވެސް ޤާނޫނުން ބޭރުން އެއްވެސް ފިޔަވަޅެއް ނާޅުއްވާނެކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވިއިރު، އެކަމުގައި ބައިވެރިވި ފުލުހުން ސަސްޕެންޑްކޮށް ޖިނާއީ ތަޙްޤީޤެއް ކުރަން ފެށުމުން, އެ ފުލުހުންގެ ދިފާއުގައި ގިނަ އަދަދެއްގެ ފުލުހުން މީސްމީޑިއާ ޕްރޮފައިލް ކަޅުކޮށް، އެމީހުންގެ ފަހަތުގައި ތިބިކަން ހާމަކުރަން ވަނީ ފަށާފައެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން އާންމުންގެ މީހަކަށް އަނިޔާކުރި މައްސަލަ ސަމާލުކަމަށް އައިތާ 30 މިނެޓު ތެރޭ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެކަމަށް ފިޔަވަޅު އަޅާފައިވާ ކަމަށާއި، އެ މައްސަލައިގެ ތަފްސީލު އާންމުންނަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް ރިޕޯޓުކޮށްފައި ވަނީ މި ސަރުކާރުން މަސައްކަތް ކުރާނީ ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށްވާތީ ކަމަށެވެ.

"ސަރުކާތުން އަނިޔާވެރިކަމާއި ނާއިންސާފު ބަލައެއް ނުގަންނާނެ. އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރާއިރު، އެއްވެސް އޮފިސަރަކާ ދެކޮޅަށްވެސް އިންސާފުން ބޭރުން ފިޔަވަޅެއް ނާޅާނަން،" އިމްރާން ވިދާޅުވިއެވެ.

މިމައްސަލާގައި ހައްޔަރު ކުރެވުނު 2 މީހުން ޑޮކްޓަރަށް ދައްކައި ފަރުވާދެވިފައިވާއިރު، މިއޮޕަރޭޝަންގައި ފުލުހުން ކޮށްފައިވާ އަނިޔާކަމަށްބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަކީ މިހާދިޘާއާއި ގުޅުންހުރި ފޮޓޯތަކެއް ނޫންކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

އެއަމަލުތައް ހިންގީ ވަކި ބައެއްކަމަށްބުނެ މީސްމީޑިއާގައި ފުލުހުންގެ ފޮޓޯޖަހައި، އިންޒާރުދީ އަދި ބިރުދައްކަމުންދާތީ އެފަދަ ސައްޚަ ނޫން މަޢުލޫމާތު ދައުރު ނުކުރުމަށްވެސް ފުލުހުން އިލްތިމާސް ކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ