ޕީޕީއެމްގެ ނައިބު ރައީސް އައިޝަތު އާޒިމާ ޝަކޫރު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފިއެވެ.
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ކްރިމިނަލް ކޯޓަށް ހާޒިރުވާން ޖެހެނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އަށެވެ.
އާޒިމާގެ މައްޗަށް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގި ކަމަށް ތުހުމަތުކުރާ މަނީ ލޯންޑަރިން އަށް އެހީތެރިވުމާއި، އެކަމުގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ ދަޢުވާ އުފުލާފައެވެ. އަދި އެ ދައުވާއާ ގުޅޭ ލިޔެކިޔުންތައް ވެސް މިހާރުއާޒިމާއާ ވަނީ ހަވާލުކޮށްފައެވެ.
އާޒިމާގެ މައްޗަށް މި ދަޢުވާ އުފުލާފައިވަނީ ފެބުރުވަރީ މަސްތެރޭގައި ނަމަވެސް މި މައްސަލަ މިހާލަސްވެފައިވަނީ އާޒިމާ ރާއްޖޭގައި ނޫޅުއްވާތީއެވެ.
އާޒިމާއަށް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފައިވާއިރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަށް ވެސް ވަނީ އަންނަ ބުރާސްފަތި ދުވަހު ހެނދުނު 11:30 އަށް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައެވެ. ޔާމީން ކޯޓަށް ހާޒިރު ކުރަނީ އޭނާގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑެރިން މައްސަލައާ ގުޅިގެންނެވެ.




