ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު - ފޮޓޯ: މިހާރު

ދޮގު ޚަބަރު ދިންކަމަށްބުނެ "މެންދުރު" އިން ހަދަނީ ދޮގު: އާޒިމާ ޝަކޫރު

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެން ކުއްޖަކު ރޭޕްކުރިކަމަށް ބުނެ، މެންދުރު އޮންލައިން އަށް ދޮގު މައުލޫމާތު ދީފައިވަނީ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރުކަމަށް ބުނާ ބުނުމަކީ ދޮގެއް ކަމަށް އާޒިމާ ވިދާޅުވެއްޖެއެވެ.

26 ޖޫން 2020 ގައި ”ސަފާރީގައި ރޭޕް ކުރި އަންހެންކުއްޖާގެ ދުލުން އެބިރުވެރި ނުބައި އަމަލާއި އަދި ބޭއިންސާފުގެ ވާހަކަތައް“ ނަމުގައި ލިޔުނު އާރޓިކަލް އާއި ބެހޭގޮތުން މެންދުރު އޮންލައިން އިން ނެރުނު ބަޔާން ފޭސްބުކްގައި ހިއްސާކޮށް، އެޔަށް ރައްދުދެމުން އާޒިމާ ބުނެފައިވަނީ، އެ މައުލޫމާތަކީ ކަންޑައެޅިގެން ދޮގެއް ކަމަށާއި، އަދި އެފަދަ އެއްވެސް ނޫހަކަށް މައުލޫމާތު ދީފައެއް ނުވާނެކަމަށެވެ.

"މިއީ ކަނޑައެޅިގެން ދޮގެއް. މިފަދަ އެއްވެސް ނޫހަކާ، އަޅުގަނޑު ވާހަކަ ދައްކާފައެއް ނުވާނެ"، އާޒިމާ ލިޔެފައިވެއެވެ.

މެންދުރު އޮންލައިން އަށް އާޒިމާ މައުލޫމާތު ދިންކަމުގައިވާނަމަ، އެ މައުލުމާތު ދިންގޮތަކާއި އަދި ވާހަކަ ދެއްކި މީހަކު ހުންނަންޖެހޭނެ ކަމަށް ބުނެ އާޒިމާ ސުވާލު އުފައްދާފައިވާއިރު، މި މައްސަލައިގައި ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމުގައިވެސް އާޒިމާ ބުނެފައިވެއެވެ.

މެންދުރު އޮންލައިން އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަފާރީ ރޭޕްގެ ވާހަކަތައް މެންދުރު އޮންލައިން އަށް ކިޔައިދީފައިވަނީ އާޒިމާ ޝުކޫރު ކަމަށާއި އަދި ފަހުން ހޯދިހޯދުމުން މިވާހަކަތަކަކީ “ބޮޑުކޮށްލައިގެން” ދެއްކި ވާހަކަތަކެއްކަން އިނގިފައިވާ ކަމަށެވެ.

“މިފަހުން މެންދުރު އޮންލައިން އިން ބެލި ބެލުމުން އިނގިގެންދިޔައީ، ސަފާރީގައި ހިނގާފައިވަނީ ރޭޕްގެ މައްސަލައެއްނޫންކަމެވެ. އަދި މިމައްސަލަ ”ރޭޕް ކޭސް“ ގެ ގޮތުގައި، ބޮޑުކޮށްލީ މީގައި ސިޔާސީ ފަރާތްތަކަކާއި ގުޅުން ހުރި ބައެއްތިބުމުން، މިކަން ސިޔާސީ ކޮށްލުމައްޓަކައިކަން އަދި ނިޔަތުގައިކަން މެންދުރު އޮންލައިން އަށް ވަނީ ކަށަވަރުވެފައެވެ.” މެންދުރު އޮންލައިންގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެއިތުރުން، މެންދުރު އޮންލައިން އަށް ބޮޑުއޮޅުވާލުމެއް އޮޅުވާލާ އަދި މެންދުރު އޮންލައިން މިފަދަ ސިޔާސީ ކަމެއްގައި ޖެހިފައި އަދި ގަންބުވާލާފައިވާތީ، ވިކްޓިމްގެ ކިބައިންނާއި އަދި މިމައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކުންނާއި އަދި އާންމު ރައްޔިތުންގެ ކިބައިން މެންދުރު އޮންލައިނުންވަނީ މާފަށް އެދިފައެވެ.

ސަފާރީގެ ތެރޭގައި ބިދޭސީ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގައި، މީޑިއާތަކުން ރިޕޯޓު ކުރި ގޮތް ބަލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިންވަނީ ތިން މެމްބަރުންގެ ކޮމިޓީއެއްވެސް އެކުލަވާލައިފައެވެ. ނަމަވެސް މި ކޮމެޓީގެ މެންބަރުންވަނީ އެމްއެމްސީގެ ރައީސް ހިދާޔަތުﷲ ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް ބުނެ އިސްތިއުފާ ދީފައެވެ.

ސަފާރީގެތެރޭގައި ޖިންސީ ޝިކާރައާއި ކުރިމަތިވި އުމުރުން 27 އަހަރުގެ އަންހެން މީހާ މިހާރު ނޫހަށް ދިން ބަސްތީގަތުމެއްގައި ބުނެފައިވަނީ ރޭޕް ނުކުރާ ކަމަށާއި ނަމަވެސް ޖިންސީ ގުނަވަންތަކުގައި ސަފާރީގައި ތިބި މީހުން އަތްލި ކަމަށެވެ. އަދި ސަފާރީގައި ހުރެފައި މޫދަށް ފުންމާލި ކަމަށާއި މޫދަށް ފުންމާލީ އުރަމައްޗާއި ފޫކޮޅުގައި އަތްލުމުން، އެފަދަ ކަމެއް އިތުރަށް ކުރިމަތިވިޔަ ނުދޭން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ