އެމްއެމްޕީއާރުސީއިން ބޮޑު ހިޔާނާތުގެ ތެރެއިން ދޫކުރި ރަށް ނޫން އެއަށްވުރެ ބޮޑު އެހެން ރަށެއް ތަރައްޤީކުރިކަން އޮޑިޓް ރިޕޯރޓުން ފާހަގަވެފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓްތަކާ ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޭސީސީގެ ވެރިން ޙާޟިރުކޮށް މިއަދުވަނީ ސުވާލުކުރެވިފައެވެ.
މިކޮމިޓީގައި ވާހަކަފުޅު ދައްކަމަވަމުން އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ، އެކުންފުނިން ކުއްޔަށް ދިން ރަށް ނޫން އެހެން ރަށެއް ޓޫރިޒަމްގެ ހުއްދައިގެ ދަށުން ކުންފުންޏަކުން ތަރައްގީކޮށްފައިވާ ކަމަށެވެ. އަދި ތަރައްޤީކޮށްފައިވާ މިރަށަކީ ކުއްޔަށްދިން އަސްލު ރަށަށްވުރެ ބިމުގެ ގޮތުން ބޮޑު އެތަނާ ޖެހިގެން އޮތް ރަށެއް ކަމަށެވެ.
އެމްއެމްޕީއާރުސީއިން ރަށްތައް ދޫކުރުމުގައި އޮޅުވާލުންތަކާއި ޤާނޫނާއި ޚިލާފު އެތަށްކޮށްފައިވާކަމަށް މިކޮމިޓީ ބައްދަލުވުމުގައި އޭސީސީގެ ރައީސް މުއައްވިޒު ރަޝީދުވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މުއައްވުޒު ވިދާޅުވީ އެމްއެމްޕީއާރުސީއިން ކޮށްފައިވާ ގިނަކަންކަމަކީ ޤަވާޢިދާ ޚިލާފަށް ހިންގާފައިވާ ކަންކަންކަމާއި، އެގްރީމެންޓެއްނެތްތާ ފައިސާވެސް ނުނަގާ ރަށްތައް ދޫކޮށްފައި އެބަހުރިކަމަށެވެ.
އެމްއެމްޕީއާރުސީއިން 49 އެއްބަސްވުމެއްގެ ދަށުން 57 ތަނެއްވަނީ ކުއްޔަށް ދޫކޮށްފައެވެ. އަދި ރަށްތަކާއި ފަޅުތައް ދޫކޮށްގެން އެ ކުންފުންޏަށް ލިބުނު 1.3 ބިލިއަން ރުފިޔާ ސިޔާސީ ފަރާތްތަކަކާއި އަމިއްލަ ކުންފުނިތަކެއް މެދުވެރިކޮށް އެމްބެޒުލްކޮށްފައިވެއެވެ.




