ހދ.ކުޅުދުއްފުށީ ހިރަފުސް ދަނޑުގައި މިހާރު ކުރިއަށްދާ ޕެންޓަގްރާމް ހިރަފުސް ކަޕުގައި، ސްކައި އަދި ކޮރަލްސް މިއަދު ބައްދަލުކުރި ފޯރިގަދަ މެޗު އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި ދެޓީމު އެއްވަރުވެގެން ނިމިއްޖެއެވެ.
ވަރުގަދަ ފިސިކަލް ގޭމެއް ފެނިގެންދިޔަ މިފޯރިގަދަ މެޗުގައި ޖުމްލަ 5 ރީނދޫކާޑު ފެނިގެން ގޮސްފައިވެއެވެ.
ކޮރަލްސްގެ އަޝްފާގު އަޙްމަދު، އަޙްމަދު ޙަސަން އަދި ފަތުޙުﷲ އާދަމްއަށް ރީނދޫކާޑު ދައްކާފައިވާއިރު ސްކައި ޓީމުން ރީނދޫ ކާޑު ދައްކާފައިވަނީ ޙުސައިން ޢަބްދުލްރަޝީދު އަދި އިބްރާހިމް ޙުސައިންއަށެވެ.
ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ސްކައި ޓީމަށް މާ ގިނަ ޙަމަލާތަކެއް އުފެއްދިފައެއްނުވެއެވެ. އެހެންނަމަވެސް ކޮރަލްސްގެ ފަރާތުންވަނީ ނުރައްކާ ނޫންނަމަވެސް ދެތިން ޙަމަލާއެއް ފެނިގެން ގޮސްފައެވެ.

މިއަދު ކުޅެވުނު މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކޮރަލްސް ޓީމުގެ ޖާޒީ ނަންބަރު 11 ޢަލީ ރިޟާއެވެ.
މިމެޗުގެ ކުރިން މުބާރާތުގައި ކުޅުނު ދެމެޗުވެސް ސްކައިވަނީ ކާމިޔާބުކޮށްފައެވެ. އަދި ކޮރަލްސް ކުރިން ކުޅުނު ދެމެޗުގެ ތެރެއިން އެއްމެޗުން މޮޅުވިއިރު އަނެއް މެޗުވަނީ އެއްވަރުވެފައެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްކައި ޒިގްޒެގާއި ދެކޮޅަށް ނުކުންނައިރު ކޮރަލްސް ބައްދަލުކުރަންޖެހޭނީ ކްލަބު ތިލަދުންމައްޗާއެވެ.
މިމުބާރާތުގައި މާދަމާ ކުޅެވޭ މެޗުގައި އެއްކޮޅުން ނޮޅިވަރަމަށް ނިސްބަތްވާ ކްލަބު ތިލަދުންމަތީ ކުޅުމަށް ހަމަޖެހިފައިވާއިރު އަނެއްކޮޅުން ނުކުންނާނީ ކުޅުދުއްފުށީ ބަސީރު ސްޕޯޓްސް އެކަޑަމީއެވެ.




