ކްލަބު ތިލަދުންމަތި އަދި ސާއްބަ އެކުވެރި ކްލަބު ބައްދަލުކުރި ސެމީ ފައިނަލް މެޗުގެ ތެރެއިން - ފެށުން ފޮޓޯ: ޢަލީ ވިސާމް

ޕެންޓަގްރާމް ހިރަފުސް ކަޕް - ފޯރިގަދަ މެޗަކަށްފަހު، ފައިނަލުގެ ފަހު ޖާގަ ސާއްބަ ކަށަވަރުކޮށްފި

ޕެންޓަގްރާމް ހިރަފުސް ކަޕުގައި މިއަދު ކުޅެވުނު ސެމީ ފައިނަލްގެ ދެވަނަ މެޗުން ކްލަބު ތިލަދުންމަތީ ބަލިކޮށް ހަނިމާދޫ ސާއްބަ އެކުވެރި ކްލަބު މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ސާއްބައިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސާއްބައިންވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ. ސާއްބަގެ މޮޅު ކުޅުމާއެކު އެކްލަނު ހިފަހައްޓަން ކްލަބު ތިލަދުންމައްޗަށް އުނދަގޫވިއެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ސާއްބައިން ނިންމާލާފައިވަނީ 2 ލަނޑުގެ ލީޑެއްގައި އޮވެއެވެ.

ފުރަތަމަ ލަނޑު މެޗުގެ 29 ވަނަ މިނަޓްގައި ޖާޒީ ނަންބަރު 10 ޙުސައިން ޝަރީފް ޖަހާފައިވާއިރު ދެވަނަ ލަނޑު އާސިފް ސަލީމް ޖެހީ 34 ވަނަ މިނަޓްގައެވެ.

ކްލަބު ތިލަދުންމަތި އަދި ސާއްބަ އެކުވެރި ކްލަބު ބައްދަލުކުރި ސެމީ ފައިނަލް މެޗުގެ ތެރެއިން - ފެށުން ފޮޓޯ: ޢަލީ ވިސާމް

ބޮޑެތި ބަދަލުތަކާއެކު ދެވަނަ ހާފަށް ނުކުތް ކްލަބު ތިލަދުންމަތިވަނީ ދެވަނަ ހާފުގެ ކުޅުން ވަރަށް ބޮޑުތައް ރަނގަޅުކޮށްފައެވެ. އެގޮތުން އުފައްދަމުން ދިޔަ ހަމަލާތައް އިތުރުކޮށް މެޗުގެ ލީޑު ކުރެވޭތޯ މަސައްކަތްކުރިއެވެ.

އަދި ކްލަބު ތިލަދުންމަތިން ފުލުފުލުން ކުރަމުންދިޔަ ހަމަލާތައް ދިފާޢުކުރަން ސާއްބައިން މަސައްކަތްކުރުމުގެ ތެރޭގައި ކުރެވުނު ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކްލަބު ތިލަދުންމަތިން ލަނޑެއްޖަހައި ހިތްވަރު މުޅިން އާކުރިއެވެ.

80 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 9 މުޙައްމަދު މަފާޒެވެ.

މެޗުގެ ފޯރި އެންމެ ގަދަވެގެން ދިޔައީ މިލަނޑަށްފަހު ހިނގާދިޔަ މެޗުގެ ފަހު 10 މިނަޓް ތެރޭގައެވެ.

ކްލަބު ތިލަދުންމަތި އަދި ސާއްބަ އެކުވެރި ކްލަބު ބައްދަލުކުރި ސެމީ ފައިނަލް މެޗުގެ ތެރެއިން - ފެށުން ފޮޓޯ: ޢަލީ ވިސާމް

އަދި ކްލަބު ތިލަދުންމަތީގެ ލަނޑަށްފަހު މާގިނައިރު ތަކެއްނުވެ، އޭގެ 5 މިނަޓްފަހުން ސާއްބައިން އިތުރު ލަނޑެއްޖަހައި އަނެއްކާވެސް ދެލަނޑުގެ ލީޑަކަށް އެނބުރިއައެވެ.

މެޗުގައި އަނެއްކާވެސް ފޯރި އިތުރަށް ގަދަވެގެން ދިޔައީ 87 ވަނަ މިނަޓްގައި ކްލަބު ތިލަދުންމަތިން ލަނޑެއްޖަހައި ފަރަގު އަނެއްކާވެސް ކުޑަކުރުމުންނެވެ.

އަދި އެއަށްފަހު ނަތީޖާ ހަމަހަމަ ކުރެވޭތޯ ކްލަބު ތިލަދުންމަތީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދިޔައިރު، ވަރުގަދަ ސާއްބަގެ ހަމަލާތައް ހުއްޓުމެއްނެތި ދިޔައީ ކުރަމުންނެވެ. އަދި ސާއްބައިން މެޗު ޔަޤީންކުރީ މެޗުގެ އިތުރު ވަގުތުގައި މިއަދުގެ މެޗުގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވުނު ޖާޒީ ނަންބަރު 10 ޙުސައިން ޝަރީފު ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. ޙުސައިން ޝަރީފުވަނީ މިއަދުގެ މެޗުގައި ދެލަނޑު ޖަހާފައެވެ.

ކްލަބު ތިލަދުންމަތި އަދި ސާއްބަ އެކުވެރި ކްލަބު ބައްދަލުކުރި ސެމީ ފައިނަލް މެޗުގެ ތެރެއިން - ފެށުން ފޮޓޯ: ޢަލީ ވިސާމް

މިމުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 20 ވާ ހޮނިހިރު ދުވަހުއެވެ. ފައިނަލް މެޗުގައި އެއްކޮޅުން ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު ބައްދަލަކުރާއިރު އަނެއްކޮޅުން ނުކުންނާނީ ހަނިމާދޫ ސާއްބަ އެކުވެރި ކްލަބެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ