ޤައުމު އާރާސްތުކުރުމުގެ ޢަމަލީ މަސައްކަތުގައި ބައިވެރިވުމަށް މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށާއި ޒުވާނުންނަށް ރައީސުލްޖުމުހޫރިއްޔާ އިބުރާހީމް މުޚައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިގޮތަށް ގޮވާލެއްވީ، 2018 ވަނަ އަހަރު މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ، މަތީ ވަނަތައް ހާސިލްކުރި ދަރިވަރުންނާ، ޤައުމުގެ މުސްތަގުބަލާ ގުޅިލާމެހިފައިވާކަމަށެވެ. އަދި ޤައުމަށް އެދެވޭ ތަރައްގީ ގެނައުމަށްޓަކައި ތައުލީމީ ޖީލެއް ބޭނުންވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި މަތީ ސާނަވީ މަރުޙަލާ ނިންމި ދަރިވަރުންނަށް، ޚާއްސަކޮށް ސަރުކާރުން ފަހިކޮށްދެއްވާފައިވާ މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރަން ރައީސް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

"މިއަދު ތިޔަ ދަރިވަރުންގެ ކިބައިން މި ޤައުމު އެދެނީ، މި ރާއްޖޭގެ ޖަޒީރާވަންތަކަން ދިރުވައި އާލާކުރަމުން، ޤައުމު ތަރައްޤީ ކުރަން ދަންނަ ބަޔަކަށް ތިޔަ ޒުވާނުން ވުމަށް. ޤައުމު ބިނާކުރުމުގައި، ތިޔަ ޒުވާނުންގެ ތަޢުލީމީ ޤާބިލުކަމާއި ހުނަރުވެރިކަމުގެ ބޭނުން، އެންމެ އެދެވޭގޮތުގައި ހިފާނޭކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
މަތީ ޘާނަވީ ނިންމާ ދަރިވަރުންނަށް މި ސަރުކާރުން ފަހިކޮށްދެއްވާފައިވާ ފުރުޞަތުތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އެވޯޑާއި ހައި އެޗީވަރސް ސްކޮލަޝިޕްގެ އުޞޫލުތަކަށް، ސަރުކާރުން ގެންނެވި ހެޔޮ ބަދަލުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ.

އެގޮތުން ރައީސްގެ އެވޯޑް ލިބޭ ދަރިވަރުންނަށް، ބޭނުން ދާއިރާއަކުން، ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ހަމަޖެހިފައިވުމާއި ހައި އެޗީވަރސް ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް އޯ.އީ.ސީ.ޑީ ޤައުމުތަކުން ކިޔެވޭނެ ގޮތް ހަމަޖެހި، މީގެ ކުރިން ހަމަޖެހިފައި ނެތް، 36 ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ހަމަޖެހިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ފުރުޞަތުތަކަކީ މަތީ ތަޢުލީމު ޙާޞިލުކުރުމަށް މިހާތަނަށް ސަރުކާރުން ފަހިކޮށްދެއްވި އެންމެ ފަހި ފުރުޞަތު ކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކޮލަރޝިޕާއި އެވޯޑަށް މިއަހަރު ހޮވުނު ދަރިވަރުން ކިޔެވުމަށް ބޭރަށް ފޮނުވުމަށް ވަމުންދާ ތައްޔާރީތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ވެސް ޙިއްޞާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކެޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ ސަރުކާރުން ތައުލީމީ ދާއިރާއަށް ޚާއްސަ އަހަމިއްޔަތެއް ދެމުން އަންނަކަމަށެވެ. މިނިސްޓަރ ވިދާޅުވީ ދިރިއުޅުމުގައި ކާމިޔާބީއަށް ވާސިލްވުމަށް ތައުލީމީ ގޮތުން މޮޅުވުމުގެ އިތުރުން ކަންކަމުގައި ސާބިތުވެ ހަރުދަނާ ބަޔަކަށްވުންވެސް މުހިންމުކަމަށެވެ. މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ވައުދެއް ކަމަށްވާ ވަށައިޖެހޭ ތަޢުލީމު ގެނެސްދިނުމަށް ސާބިތުވެ ހުންނާނެ ކަމަށެވެ.




