ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު - ފޮޓޯ: މިހާރު

ދައުވާކޮށްފައިވަނީ އަބުރާއި އިއްޒަތް ނަގާލަން – އާޒިމާ

ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ، ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވަނީ، އަބުރާއި އިއްޒަތް ނަގާލާ، ސިޔާސީ ހަޔާތް ދުއްވާލުމަށް ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ މައްސަލައިގެ ލިޔުންތަކާއި ހަވާލުވެ ވަޑައިގަތުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާޒިމާ ވިދާޅުވީ، އޭނާގެ މައްޗަށް ހުށަހަޅާފައިވާ ދައުވާއަކީ، އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް މަގާމެއްގައި ހުންނަވައިގެން، އޭރު އޭނާ އޭސީސީއަށް ފޮނުއްވި ސިޓީއަކާ ގުޅިގެން، ކުރާ ދައުވާއެއް ކަމަށެވެ.

"އަޅުގަނޑަކީ ކެބިނެޓްގައި އުޅުނު މީއެއް. އަޅުގަނޑުގެ ހިޔާނާތުގެ މައްސަލައެއް ދުވަހަކުވެސް ނޯންނާނެ. މިއަދު އަޅުގަނޑުގެ މައްޗަށް މި ދައުވާ ކުރައްވަނީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ މަނީ ލޯންޑްރިން އަށް އަޅުގަނޑު އެސިސްޓް ކޮށްދިނިއްޔޭ، އެސިސްޓް ކޮށްދިން އިރުގައި އަޅުގަނޑުގެ މަގާމުގެ ހައިސިއްޔަތުން އޭސީސީއަށް ސިޓީއެއް ފޮނުވީމައޭ، އެހެންވީމާ އަޅުގަނޑު ހަމަ ގަބޫލު ކުރަމުން މިއަންނަނީ އެއަށްވުރެ މާ ބާރުގަދަ މަގާމުތަކުގައި ހުރެފއިަ ފައިސާގެ މައްސަލައެއް ނެތިފައި. އެހެެންވީމާ މަނީލޯންޑާއަށް އެސިސްޓް ކޮށްދީގެން ނުޖެހެއޭ އަޅުގަނޑަށް ދައުވާ އުފުލާކަށް،" އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، އަދުލު އިންސާފުގެ ނަމުގައި މިކަންކަން އާމާޒުވަނި ކޮންބަޔަކަށް، ކޮން ގޮތަކަށްކަންވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

"ކޮބައިތޯ އެމްއެމްޕީއާރުސީގެ ފައިސާ؟ ތަނަކުން އެއްވެސް ފައިސާއެއް ފެނިއްޖެތޯ؟ މިއަދު ދައުލަތުގެ މިހާ ފައިސާ ގެއްލިގެން އެއްބަޔަކު ގެންގޮސްގެން ތަހުގީގު ކުރާއިރު މިކަމުގައި އަސްލު ހިމެނޭ މީހުން ދޫކޮށްލައިގެން ތިބެ އޭގެ އެއްވެސް މީހަކު ތަނަކަށް ހާޒިރު ނުކޮށް، އެއިންމީހަކަށް ތަހުގީގެއް އަދި ދައުވާއެއް ނުކޮށް، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މަގާމެއްގައި ހުރެ ފޮނުވި ސިޓީއެއްގެ މައްޗަށް ދައުވާ ކުރަމުންދާއިރު ކޮރަޕްޝަނަށް އޮތް ޒީރޯ ޓޮލެރެންސަކީ ކޮބައިގެން އެބަ އެނގޭ ވަރަށް ސާފުކޮށް. އަޅުގަނޑުމެންނަށް އެބައެނގޭ އަދުލުއިންސާފުގެ ކަންކަން ދަނީ ކޮން ބަޔަކަށް ޓާގެޓް ކުރެވިގެން ކޮން އަމާޒަކަށް ކަންވެސް،" އާޒިމާ ވިދާޅުވިއެވެ.

އާޒިމާގެ މައްޗަށް ކުރާ ދައުވާ އާއި ގުޅޭ ލިޔުންތައް މިއަދު އެކަމަނާ އާއި ހަވާލު ކޮށްފައި ވާތީ ދެން އޮންނާނީ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތަކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ