ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މޫސުން އިތުރަށް ގޯސްވެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ތ.އަތޮޅާއި އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައިވާއިރު، ޔެލޯ އެލާޓް ނެރެފައިވަނީ ހުވަދު އަތޮޅުތަކަށެވެ.
މިއަދު ހެނދުނު 06:30 އިން މެންދުރު 12:30 އަށް ތ.އަތޮޅާއި އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށް ނެރެފައިވާ ވައިޓް އެލާޓުގައި ބުނެފައިވަނީ، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ހުވަދު އަތޮޅަށް މިއަދު ހެނދުނު 07:05 އިން 11:00 އަށް ޔެލޯ އެލާޓް ނެރެފައިވަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާ ކުރެވޭތީ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
އަދި މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މެދުތެރެއާއިދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށާއި، އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.
އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅު ތަކަށް ގަޑިއަކު 07 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި، އުތުރާއި މެދުތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.