މަސްތުވާތަކެޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން, ވިލިމާލެ އަދި ކ. ކާށިދޫއިން މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފިއެވެ.
ވިލިމާލެ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެނސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވިލިމާލެއިން ވަނީ މަސްތުވާތަކެއްޗާއެކު ދެމީހުން ހައްޔަރުކޮށްފައެވެ. މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 18 އަހަރާއި 19 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
އިއްޔެ ހެނދުނު 08:54 ހާއިރު ވިލިމާލެގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަމަށް، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ވިލިމާލޭގެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ރަބަރު ޕެކެޓް ވަނީ ފެނިފައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ފަސްދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މީގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކ.ކާށިދޫ ޕޮލިސް ސްޓޭޝަނުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އެރަށުންވެސް ވަނީ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެރަށު މަގުމަތިން މިމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު މި މީހާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރު އެއް ރަބަރު ޕެކެޓް ވަނީ ފެނިފައެވެ.
މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަޙުގީގު ކުރަމުންނެވެ.



