މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ އަދި ސިފިލިސް ވާސިލްނުވާ ޤައުމަކަށް ރާއްޖެ

ދިވެހިރާއްޖެއަކީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ވާސިލްނުވާ ޤައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅުއްވައި، 15 ޖުލައި 2019 ވަނަ ދުވަހު އެކަމުގެ ލިއުން ހަވާލުކޮށްފިއެވެ.

އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ފަރާތުން ލިއުން ހަވާލުކުރެއްވީ އެ ޖަމްއިއްޔާގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާލް ސިންގްއެވެ. އަދި ދިވެހިރާއްޖޭގެ ފަރާތުން މި ލިއުމާ ހަވާލުވެ ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މި ސަރޓިފިކޭޝަން ލިބުމުން ދިވެހިރާއްޖެ ވެގެން މިދިޔައީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ އަދި ސިފިލިސް ވާސިލްނުވާ ކަމުގައި ކަނޑައެޅުނު މިސަރަހައްދުގެ ދެވަނަ ޤައުމުގައި އަދި މުޅި ދުނިޔެއިން 12 ވަނަ ޤައުމު ކަމުގައެވެ.

މިއީ ގައިންގަޔަށް އަރާ ބައްޔެއް ނައްތާލެވުނު ކަމަށް ދިވެހިރާއްޖެއަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ލިބުނު 4 ވަނަ ސެޓިފިކޭޝަންއެވެ. މީގެ ކުރިން މެލޭރިއާ، ފައިލޭރިއާ އަދި ހިމަބިހި ނައްތާލެވުނުކަމަށް ދިވެހިރާއްޖެ ވަނީ ސަރޓިފައި ވެފައެވެ. އަދި މީގެ އިތުރުން ރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ޕޯލިއޯ އަދި ތުއްތު ކުދިންނަށް ޖެހޭ ޓެޓަނަސް ނައްތާލެވުނު ކަމަށް ވަނީ ކަނޑައެޅިފައެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، ދިވެހިރާއްޖެ މިއަދު ހާސިލް މިކުރި ސަރޓިފިކޭޝަން ހޯދުމުގެ މަސައްކަތް ފެށިފައިވަނީ 2014 ވަނަ އަހަރު ކަމަށެވެ.

މިގޮތުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިކަމަށް ކަނޑައަޅުއްވާފައިވާ ސްޓޭންޑަޑް ތަކާ އެއްގޮތަށް، މިމަސައްކަތް ވިލަރެސް ކުރުމަށް ނެޝަނަލް ވެލިޑޭޝަން ކޮމިޓީއެއް ޤާއިމު ކުރެވުނު ކަމަށާއި ކަނޑައެޅިފައިވާ މިންގަޑުތަކާއެއްގޮތަށް ކަންތައްތައް ހުރިތޯ ދެނެގަތުމަށްޓަކައި 2018 ވަނަ އަހަރުގެ ކުރީކޮޅު ކަމާގުޅޭ ތަފާސް ހިސާބާއި މައުލޫމާތު އެއްކުރުމުގެ ހަރަކާތްތަކެއް މުޅި ރާއްޖޭގައި ހިންގުނު ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ. މީގެ ތެރޭގައި މާބަނޑު ދުވަސްވަރު ސިއްހީ ޚިދުމަތް ހޯދާ މީހުންގެ ނިސްބަތާއި، މާބަނޑު ދުވަސްވަރު އެޗް.އައި.ވީ އަދި ސިފިލިސްއަށް ޓެސްޓް ކުރެވޭ މީހުންގެ ނިސްބަތް ދެނެގަނެފައިވެއެވެ.

2018 ވަނަ އަހަރުގެ ތެރޭގައި މިކަމާ ގުޅޭ ޤައުމީ ރިޕޯރޓް އެކުލަވާލައި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއަށް ހުށަހެޅުނުއިރު، އެއަށްފަހު މި ރިޕޯރޓްގައިވާ ކަންތައްތައް ފުރިހަމަވެފައި ހުރި މިންވަރު ދެނެގަތުމަށް ސަރަހައްދީ ވެލިޑޭޝަން ޓީމެއް ރާއްޖެ ވަޑައިގެންފައިވެއެވެ.

އެޓީމުން މާލެއާއި އަތޮޅު ތެރޭގެ ސިއްހީ ޚިދުމަތްދޭ ބައެއް ތަންތަނާއި، އުފަންވެނި ސިއްހަތާއި އަދި މައިންނާއި ތުއްތުކުދިންގެ ސިއްހަތާ ބެހޭ ޕްރޮގްރާމްތައް، އަދި އެޗް.އައި.ވީއާއި ޖިންސީ ގުޅުމުން އަރާ ބަލިތަކާ ބެހޭ ޕްރޮގްރާމްތައް ހިނގާ ގޮތާއި މިކަމާބެހޭ ކަންކަން ދިރާސީ ރޮގަކުން ބައްލަވައިފާވެއެވެ.

ރީޖަނަލް ވެލިޑޭޝަން ޓީމުން ބެއްލެވި ކަންތައްތަކާއެކު ދިވެހިރާއްޖޭގެ ހުށަހެޅުން މިކަމާގުޅޭ ގްލޯބަލް ވެރިފިކޭޝަން ކޮމިޓީއަށް ހުށަހެޅުނެވެ. ކަމާ ގުޅޭ ދާއިރާތަކުގެ ފަންނީ ބޭފުޅުން ބޭފުޅުން ހިމެނޭ ދުނިޔޭގެ ފެންވަރުގެ މި ގްލޯބަލް ކޮމިޓީއިން ރާއްޖޭގެ ރިޕޯރޓާއި، ސަރަހައްދީ ކޮމިޓީގެ ރައުޔަށް ބެއްލެވުމަށްފަހު، ދިވެހިރާއްޖެއިން މިލަނޑުދަނޑި ޙާސިލް ކޮށްފިކަމަށް ނިންމާފައިވަނީ މިއަހަރުގެ ތެރޭގައެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، މިފަދަ ސަރޓިފިކޭޝަންއެއް ލިބުމުގެ މުހިންމު ބޭނުމާއި ފައިދާތަކުގެ ތެރޭގައި އުފަންވެނި ސިއްހަތާއި، މައިންނާއި ތުއްތުކުދިންގެ ސިއްހަތާއި، ލެބޯރޓްރީގެ ޚިދުމަތްތަކާއި، އެޗް.އައި.ވީ އަދި ޖިންސީ ގުޅުމުން އަރާ ބަލިތަކާ ބެހޭ ޕްރޮގްރާމްތައް ތަފްސީލުކޮށް ބަލާ ދިރާސާކުރެވެމުން ދިއުމާއި މި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅަށް ދެމެހެއްޓިގެންދިއުން ހިމެނޭ ކަމަށެވެ.

މިއަދު ސަރޓިފިކޭޝަން ލިބުމާއެކުވެސް މިހާރު ޤާއިމު ކުރެވިފައިވާ ކިދުމަތްތައް މި ފެންވަރުގައި ދަމަހައްޓާކަން ދުނިޔޭގެ ސިއްހަތު ޖަމައިއްޔާއިން ކަށަވަރުކުރަމުން ގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ