ނޭޝަނަލް ބްރީތްލައިފް ކެމްޕޭން އިފްތިތާޙުކޮށްފިއެވެ.
ބްރީތްލައިފް ކެމްޕޭން އިފްތިތާހު ކުރުމުގެ ބައްދަލުވުން ބާއްވާފައިވަނީ، މިއަދު ހެނދުނު ހޮޓެލް ޖެންގައެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ ވައިނުސާފުވުމުގެ ސަބަބުން އިންސާނުންގެ ޞިއްޙަތައް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށްޓަކައި ތައްޔާރުކުރެވިފައިވާ ނޭޝަނަލް އެކްޝަން ޕްލޭން އިފްތިތާޙް ކުރުމާއި ޕްލޭން ތަންފީޒު ކުރުމުގެ ގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމުއިއްޔާ (ޑަބް.ލިޔު.އެޗް.އޯ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންދިއުން ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު އޮނަރަބަލް އަލްފާޟިލް ފައިޞަލް ނަސީމެވެ. އަދި މިބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން، މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ހުސައިން ރަޝީދު ހަސަން، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް، މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް އަދި ޑަބްލިޔު. އެޗް.އޯ ގެ ރީޖަނަލް ޑިރެކްޓަރ ފޯރ ސައުތު އީސްޓް އޭސިއާ ޑރ. ޕޫނަމް ކެތްރަޕަލް ސިންގް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މީގެ އިތުރުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ، އަރަވިންދް މާތުރް، ޔުނިސެފް އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު މުނީރް ސަފީލްދީން އަދި އެހެނިހެން މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވައި ނުސާފު ވުމުގެ ސަބަބުން ޞިއްހަތަށް ލިބޭ ގެއްލުންތަކާބެހޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯއަކާއި ރާއްޖޭގެ މިހާރުގެ ހާލަތު ބަޔާންކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ދައްކާފައިވެއެވެ. މީގެ އިތުރުން ނައިބު ރައީސް އޮނަރަބަލް ފައިސަލް ނަސީމްގެ ވާހަކަ ފުޅުގައި ރާއްޖޭގެ ރައްޔިތުން ދިރުއުޅޭ ރައްތަކަކީ ޞިއްހަތަށް ގެއްލުންހުރި ވިހަ މާއްދާތަކުގެ ސަބަބުން ތަޣައްޔަރުވެފައި ނުވާ ތަންތަން ކަމުގައި ކަށަވަރު ކުރުމަށް ހުރިހާ ފަރާތްތަކުން އަހައްމިއްޔަތުކަން ދޭންޖެހޭކަން ފާހަގަ ކުރެއްވިއެވެ.
ހަލުވި ދުވެލީގައި ތަރައްޤީ ވަމުން އަންނަ މާލޭ ސިޓީ މިހާރު އޮތް ހާލަތު ބަދަލުކޮށް އަންނަން އޮތް ޖީލުތަކަށް ސާފުވައި ލިބޭނެ މާހައުލެއް ޤާއިމުކުރުމަށްޓަކައި ދުރުރާސްތާ ޕްލޭންތަކާއެކު ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް ނައިބު ރައީސް އަލި އަޅުވާލާ ވާހަކަފުޅު ދެއްކެވިއެވެ.

މިފަދަ ކޮންމެ މަސައްކަތަކީ އެތަނެއްގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން މެނުވީ ނުކުރެވޭނެ ކަމެއްކަން ފާހަގަކޮށް އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތައް މިކަމުގައި ޝާމިލުވެ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ. އަދި މީޑިއާ ތަކުން އަބަދުވެސް ސައްޙަ ރަގަޅު މަޢުލޫމާތު ފޯރުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރުމަށް ބާރުއެޅުއްވިއެވެ.
މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީނުގެ ވާހަކަ ފުޅުގައި ރާއްޖޭގައި ވައި ނުސާފު ވުމަށް ދިމާވާ ބައެއް ސަބަބުތައް ފާހަގަ ކުރެއްވިއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ބޮޑެތި ފެކްޓަރީ ތަކެއް ނެތް ނަމަވެސް ރާއްޖޭގެ ތިމާވެއްޓަކީ ރައްކާތެރި މާހައުލެއް ނޫންކަން ފާހަގަކޮށް ވައި ނުސާފުވުމަށް މަގުފަހިވާ ކަންކަމުން ދުރުހެލިވުމަށް ބާރުއެޅުއްވިއެވެ.

މިހާރު ދިމާވެފައިވާ އެންމެ ބޮޑު ޞިއްހީ ނުރައްކަލަކީ ނޭވާލާ ނިޒާމުގެ ތަފާތު ބަލިތަކާއި، ސްޓްރޯކް އަދި ހިތުގެ ބަލިތައްފަދަ ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވުންކަން ފާހަގަކޮށް ވައި ތަޣައްޔަރުވުން ކުޑަކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.



