ޕެންޓަގްރާމް ހިރަފުސް ކަޕު ސެމީ ފައިނަލްގައި މިއަދު ކުޅެވުނު ފޯރިގަދަ މެޗުން މޮޅުވެ މުބާރާތުގެ ފައިނަލަށް ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) ދަތުރުކޮށްފިއެވެ. މެޗުގައި ސްކައިގެ ޖާޒީ ނަންބަރު 8 ޙުސައިން ޢަބްދުލްރަޝީދު (ބިގޭ) ވަނީ ހަތަރު ލަނޑުޖަހާފައެވެ.
މިއަދުގެ މެޗު ސްކައި ކާމިޔާބުކޮށްފައިވަނީ ނޮޅިވަރަންފަރުގެ ލައިކަންއާ ބައްދަލުކޮށް 5-2 ގެ ނަތީޖާއަކުންނެވެ.
ކުޅުދުއްފުށީ ހިރަފުސް ދަނޑުގައި ކުޅެވުނު މިމެޗު ފެށުނުތަނާހެއް ސްކައިންވަނީ ލަނޑެއްޖަހައި ލީޑު ނަގާފައެވެ. ނޮޅިވަރަންފަރުގެ ލައިކަންއަށް ރަނގަޅަށް މެޗަށް ނުވަދެވި އުޅެނިކޮށް މެޗުގެ 5 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ސްކައިއަށް ޖަހައިދިނީ އެޓީމުގެ ޖާޒީ ނަންބަރު 8 ޙުސައިން ޢަބްދުލްރަޝީދު (ބިގޭ)އެވެ.

ފުރަތަމަ ލަނޑުޖަހައި މާގިނައިރުތަކެއްނުވެ، ސްކައިން އަނެއްކާވެސް އިތުރު ލަނޑެއްޖަހައި ލައިކަން އިތުރަށް ހާސްކޮށްލިއެވެ. 15 މިނަޓްގައި ފެނިގެންދިޔަ މިލަނޑުވެސްޖަހާފައިވަނީ ފުރަތަމަ ލަނޑުޖެހި ޙުސައިން ޢަބްދުލްރަޝީދެވެ. އަދި މިލަނޑުޖަހަން އެހީތެރިވެދީފައިވަނީ ފުރަތަމަ ލަނޑުގައިވެސް އެސިސްޓްކޮށްދިން އަޙްމަދު މުޙައްމަދެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ މިނަތީޖާގައި އޮވެއެވެ.
ފުރަތަމަ ހާފުގައިވެސް މޮޅުކުޅުމެއްދެއްކި ލައިކަން ދެވަނަ ހާފަށް ނުކުތީ މުޅިން އާ ހިތްވަރަކާއެކުގައެވެ. އަދި ދެވަނަ ހާފު ފަށާ ކުޑަވަގުތުކޮޅެއްތެރޭވަނީ ލަނޑެއްޖަހައިވަނީ ފަރަގުވެސް ކުޑަކޮށްފައެވެ. މެޗުގެ 66 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ލައިކަންއަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 23 މުޙައްމަދު ރިޔާޒެވެ.

އެހެންނަމަވެސް އޭގެ އެއް މިނެޓް ފަހުން ލައިކަން އަނެއްކާވެސް ހާސްވެގެން ދިޔައީ ބިގޭ ހެޓްރިކްހެދި ލަނޑާއެކުގައެވެ. އަދި އޭގެ ދިހަ މިނެޓް ފަހުން ފަރްހަތު މުޙައްމަދު އިތުރު ލަނޑެއްޖަހައި ސްކައިއަށް ބޮޑު ލީޑެއް ހޯދައި ދިނެވެ.
އަދި ބިގޭގެ ހަތަރުވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 80 ވަނަ މިނެޓްގައެވެ.
މެޗު ނިމިގެންދިޔައީ ލައިކަންއަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން މުޙައްމަދު ރިޔާޒްވަނީ މެޗުގެ އިތުރު ވަގުތުގައި ޖަހައިދިން ލަނޑަކާއެކުގައެވެ.
މިމުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗު މާދަމާ ކުޅުމަށް ހަމަޖެހިފައިވާއިރު، މާދަމާގެ މެޗުގައި ބައްދަލުކުރާނީ ހަނިމާދޫ ސާއްބަ އެކުވެރި ކްލަބާއި ނޮޅިވަރަމަށް ނިސްބަތްވާ ކްލަބު ތިލަދުންމައްޗެވެ.



