މޫސުން ގޯސްވެ ސީއެންބިއުލާންސަށް ދަތުރު ނުކުރެވިގެން، ބަލި މީހުން މާލެ ގެނައުމަށް ކޯސްޓްގާޑުން މަސައްކަތް ފަށައިފިއެވެ.
އެންއެންޑީއެފް އިން ވިދާޅުވީ، އއ.ފެރިދޫ ޞިއްޙީމަރުކަޒުގައި ފަރުވާ ދެމުންދިޔަ ތިން ބަލި މީހުން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ނޫރައްދީންގައި މާލެ ގެނެސްދީފައިވާ ކަމަށެވެ.
"މިރޭ 21:00 ގައި މާލެ ގެނެސްދީފައިވަނީ 42 އަހަރުގެ ފިރިހެނަކާއި، 37 އަހަރުގެ ފިރިހެނެއް އަދި 32 އަހަރުގެ އަންހެނެއް. މި މީހުން މާލެ ގެނެސްފައިވަނީ މޫސުން ގޯސްވެ ސީ އެންބިއުލަންސްގައި ދަތުރު ނުކުރެވުމުގެ ސަބަބުން." އެމްއެންޑިއެފް އިން ވިދާޅުވިއެވެ.
ސީ އެންބިއުލަންސަށް ދަތުރު ނުކުރެވި ކޯސްޓްގާޑް ޝިޕް ނޫރައްދީން ބަލި މީހުން މާލެ ގަނައުމުގެ މަސައްކަތް ކުރިއިރު، ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ މޫސުން ގޯހެވެ. އަދި ފުވައްމުލަކާއި އައްޑޫ ސިޓީއަށް މިހާރުވެސް ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވަނީ، ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ބޯކޮށް ވާރޭ ވެހި، ގުގުރުން އެކަށީގެންވާ ކަމަށާއި، މެދުތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް އަދި އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެކަމަށެވެ.
އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި މެދުތެރެ އާއި އުތުރު އަތޮޅުތަކުގައި ކަނޑު ދަތުރު ކުރަށްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ޤައުމީ ދިފާއީ ބާރުންވެސް ވަނީ މޫސުމަށް ބަލައިގެން ކަނޑު ދަތުރު ކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.



