އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ދިވެހިރާއްޖޭގައި ބޭއްވުމަށް މިއަދު ބިޑް ހުށައަޅައިފިއެވެ.
ބިޑް ހުށައަޅާފައިވަނީ މޮރީޝަސްގެ އިންޓަރކޮންޓިނެންޓަލް ހޮޓަލްގައި މިއަދު ހެނދުނު ބޭއްވި ބިޑް ހުށަހެޅުމުގެ ހަފްލާގައެވެ. މި ޙަފްލާގައި ރާއްޖޭގެ އިތުރުން މަޑަގަސްކަރ އަދި ކޮމޮރޮސް އިންވެސް ވަނީ ބިޑު ހުށައަޅާފައެވެ.
2023 ގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ޝައުގުވެރިކަން ފާޅުކޮށް އެބިޑް ކާމިޔާބުކުރުމަށް ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފާއި ދިވެހި ސަރުކާރުން ވަނީ މަސައްކަތްތަކެއް ކުރައްވާފައެވެ.
އެގޮތުން އައި.އޯ.އައި.ޖީ 2023 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާޢީދު ހޯއްދެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި ވަނީ ސީޝެލްސްއަށް ވެސް ގޮސްފައެވެ. މިދަތުރުފުޅުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް, އަޙްމަދު މަޚްލޫފް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސީޝެލްސްގެ އިތުރުން މަޑަގަސްކަރަ އަދި މޮރިޝަސްއަށާއި ކޮމޮރޮސްއަށްވެސް ރާއްޖޭގެ ބިޑަށް ތާޢީދު ހޯދުމުގެ ގޮތުން މި ބޭފުޅުން ވަނީ ދަތުރުކޮށްފައެވެ.
ރާއްޖެއިން 2023 ވަނަ އަހަރުގެ އައިއޯއައިޖީއަށް ބިޑު ކުރަން ނިންމުމާ ގުޅިގެން އައިއޯއައިޖީގެ ޑެލިގޭޝަން ޓީމެއް، ރާއްޖޭގައި މުބާރާތް ބޭއްވޭނެ ފެންވަރު ހުރިތޯ ބެލުމަށް ދާދި ފަހުން ވަނީ ރާއްޖެއައިސްފައެވެ.



