މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން، ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި ބައްދަލުކުރެއްވުން އޮންނާނީ މި ޖުލައި މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެރެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމަށް ދައުލަތުގެ ތަފާތު ދާއިރާތަކުން ވަރަށްގިނަ އަދަދެއްގެ ބޭފުޅުންނަށް ދަޢުވަތު އަރުވާގޮތަށް ވަނީ ހަމަޖައްސަވާފައެވެ.
ރަސްމީ ބައްދަލުކުރެއްވުމަށް ދަޢުވަތު އަރުވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދަޢުވަތު ކާޑު މިހާރު ވަނީ ފޮނުއްވަން ފަށްޓަވާފައެވެ.
މީގެ އިތުރުން މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވުންވެސް އޮނާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާނީ، މިނިވަންދުވަހުގެ ހެނދުނު 10 ޖަހާއިރު ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައިކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.



