ޢަދާލަތު ޕާޓީން ބަޣާވާތަށް ފަސް އަޅައި ފޮރުވަން އުޅޭ ކަމުގެ ތުހުތުމަތު ޝެއިޚް ޙުސެއިން ރަޝީދު އެޕާޓީއަށް ކުރައްވައިފިއެވެ.
7 ފެބްރުއަރީ 2012 ގައި ކުރެވުނު "ބަޣާވާތަށް" ޢަދާލަތު ޕާޓީން ފަސް އަޅައި ފޮރުވަން އުޅޭ ކަމުގެ ތުހުމަތު، އެޕާޓީގެ ކުރީގެ ރައީސް އައްޝެއިޚް ޙުސެއިން ރަޝީދު އަޙްމަދު އެޕާޓީއަށް ކުރައްވައިފިއެވެ.
މި ތުހުމަތު އޭނާ ކުރެއްވީ، އިއްޔެގެ ހުކުރު ޚުޠުބާގައިވާ ޙަދީޘްފުޅެއްގެ މާނަ ކޮށްފައިވާ ގޮތާމެދު ފާޑު ވިދާޅުވެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ޙުސެއިން ރަޝީދު ވިދާޅުވެފައި ވަނީ، "البغي" ގެ މާނަ ޚުޠުބާގައި ގެނެސްދީފައި ވަނީ، ނުބައިކޮށް ކަމަށެވެ. އެބަހުގެ މާނަވެސް ޙުސެއިން ރަޝީދު މި ދިގު ޕޯސްޓުގައި ބަޔާން ކުރައްވާފައިވެއެވެ. އަދި މިބަހުގެ މާނައިގެ ތެރޭގައި " ބަޣާވާތް ކުރުން" ވެސް ހިމެނޭ އިރު، އެ މާނަތައް ނުހިމަނައި، ޚުޠުބާގައި، އެއީ ހަމައެކަނި "އަނިޔާވެރިވުން" ކަމުގައި ބަޔާންކޮށްފައި އޮތުމަކީ، ބަޔަކު މީހުން އެބައިމީހުން ކުރި ނުބައި ޢަމަލަށް ފަސް އަޅައި ފޮރުވަން ކޮށްފައި އޮތް ކަމެއް ކަމަށް ވަނީ ސިފަކުރައްވާފައެވެ.
ޙުސެއިން ރަޝީދުގެ އިޝާރާތް އެދަނީ، ޢަދާލަތު ޕާޓީއާއި، ފެބްރުއަރީ 7 ގައި ރައީސް ނަޝީދު ވެރިކަމުން ވެއްޓުނު ހާދިސާއަށް ކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. އެހެނީ، މިހާރު އިސްލާމިކް މިނިސްޓްރީ އަނެއްކާވެސް ބަލަހައްޓަމުން ދަނީ ޢަދާލަތު ޕާޓީގެ ފަރާތުންނެވެ. އަދި، ބަޣާވާތް ކުރިކަމަށް، ޝެއިޚް އިމްރާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ޓީވީއެމްގެ ރާއްޖެ މިއަދު ޕޮރުގްރާމެއްގައިވެސް ޙުސެއިން ރަޝީދު ވަނީ ޑރ ވަޙީދު ސަރުކާރުގެ ދުވަސްވަރު ވަރަށް ބޮޑަށް ޝެއިޚު ޢިމްރާނަށް ޒުވާބުވެސް ދެއްވާފައެވެ.
މިހާރު ޢަދާލަތު ޕާޓީއާ ޞުލްޙަވެފައިވީ ނަމަވެސް، ޙުސެއިން ރަޝީދުގެ ޕޯސްޓަކީ ޙުސެއިން ރަޝީދުގެ ކަރުބުޑުގައި "ބަޣާވާތު" ގެ އަސަރާއި، ހިތުގައި ރުޅިވެރިކަން އަދިވެސް އުތުރި އަރާކަން ހާމަވެގެން ދިޔަ ޕޯސްޓެކެވެ.




