ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު - ފޮޓޯ: މޯލްޑިވްސް ބިޒްނަސް ސްޓޭންޑާޑް

ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ތައްޔާރުވަނީ

އަދުގެ ސަރުކާރުން ތަންފީޒު ކުރަމުންދާ ބަޖެޓަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބަޖެޓެއްކަމުން، ސަރުކާރުގެ ބައެއް ކަންކަން ތަންފީޒު ކުރަން ވަރަށް ދަތިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް "ސަން" އަށް ދެއްވާފައިވާ ޚާއްޞަ ބަސްދީގަތުމެއްގައި މިނިސްޓަރ އަމީރު ވިދާޅުވެފައިވަނީ، ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުގެ ފަރާތުން ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީޙަށް ހުށަހަޅުއްވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިހެން ވިދާޅުވިއިރު، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެފައިވަނީ، ބޮޑެތި ބައެއް ޕްރޮޖެކްޓްތައް ނުހިންގި ލަސްވެފައި ވަނީ، އެ މަޝްރޫއުތައް ހިންގޭ ވަރަށް ބަޖެޓްގައި ފައިސާ ހިމަނާފައި ނެތުމުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ އަސްލަމް ހާޒިރުކޮށް ބައެއް މަޝްރޫއުތަކާ ގުޅޭގޮތުން މެންބަރުން ސުވާލުކުރުމުންވެސް ވިދާޅުވެފައިވަނީ، މަޝްރޫއުތައް ހިންގޭވަރަށް ބަޖެޓްގައި ފައިސާ ނެތްކަމަށާއި، ބައެއް މަޝްރޫއުތަކަށް ޖަހާފައިވަނީ މާބޮޑު މަސައްކަތެއް ކުރެވޭވަރުގެ އަދަދުތަކެއް ނޫންކަމަށެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ، ސަޕްލިމަންޓްނުކޮށް ބަޖެޓް ކުރިއަށް ގެންދިޔުމަށް އުނދަގޫވާނެ ކަމަށާއި، އެހެންކަމުން ސަޕްލިމަންޓަރީ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް ސަޕްލިމަންޓަރީ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

2019 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ 30.2 ބިލިއަން ރުފިޔާގެ ބަޖެޓަކީވެސް ހަތަރު ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ