މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި ޖަޕާނު ގުޅިގެން ހިންގާ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް މިއަދު މާލެ ސަރަހައްދުގައި ކުރިއަށްދާނެކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އެމްއެންޑީއެފް ކޯސްޓްގާޑް އާއި ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސް ގުޅިގެން، ސާޗް އެންޑް ރެސްކިއު ތަމްރީނުތަކެއް ފަށާފައިވާ ކަމަށެވެ.
"ހުޅުމާލެ އިރުމަތީފަރާތުން ކަނޑުގެ ސަރަހައްދުގައި ހިނގާ މި ތަމްރީނުތަކުގައި ޖަޕާން ނޭވީގެ ފަލައިޓަކާއި އެމްއެންޑޯއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ހަރަކާތްތެރިވާގޮތަށް ވަނީ ހަމަޖެހިފައި." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ތަމްރީނުތައް ކުރިއަށްދާނީ މިއަދު މެންދުރުކުރި 11:00 އިން މެންދުރުފަހު 13:00 އަށް ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
"މި އެކްސަސައިޒް ކުރިއަށްގެންދަނީ ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ޢަމަލުކުރާނެ ގޮތާއި، ކަނޑުވެފައި ތިބޭ ފަރާތްތަކަށް އެހީތެރިވާނެ ގޮތްތަކަށް އަމަލީގޮތުން ބައިވެރިވެ ފަރިތަކުރުމަށް." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ރާއްޖެ ސިފައިންނާއި، ބޭރުގެ އަސްކަރީ ބާރުތަކާއި ގުޅިގެން ރާއްޖޭގައި މިފަދަ ތަމްރީނު ހަރަކާތްތައް ދޭތެރެ ދޭތެރެއިން ހިންގައެވެ.




