ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ލިސްޓުގެ ދެ ވަނަ އަށް އިންޑިއާ އަރާފައި ވާއިރު އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު މި އަހަރުގެ ނިޔަލަށް ދެ ގުނަ އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ، ޓޫރިސްޓުން އަންނަ މިންވަރު އިތުރުވަނީ ރާއްޖޭގެ މާހައުލު އަމާން ވުމުން ކަމަށެވެ.
މިއީ ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ ގޮތުގައި އިންޑިއާ ހިމެނުނު ފުރަތަމަ ފަހަރެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެ، ކިލަނބުވެރިކަމުގައި މި އޮތް ކަންކަން ކާމްވޭ. އަޅުގަނޑުދެކޭ ގޮތުގައި މިހާރަކު ނުފެނޭ ރާއްޖޭގެ މަގުތަކުގައި ހަލަބޮލިކަމެއް،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ، ރާއްޖެއާ އިންޑިއާއާ ދެމެދު ޒަމާނުއްސުރެ އޮތް ގުޅުން އިތުރަށް ބަދަހިވަމުން އަންނަ ކަމަށެވެ. މިއަހަރުގެ ފަހުކޮޅު އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި ދަތުރުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ އެވެ.
މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އިންޑިއާ އިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 82،140 އަށް އަރައިފަ އެވެ. މިދިޔަ އަހަރު އިންޑިޔާއިން 90،474 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.
އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ހެޔޮ ބަދަލެއް އަންނަމުންދާ އިރު އިންޑިއާގެ އެވޯޑް ހަފުލާތައް ވެސް ރާއްޖޭގައި ބޭއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. ފިލްމްފެއާ ފަދަ އެވޯޑް ހަފުލާތައް ރާއްޖޭގައި ބޭއްވިއްޖެ ނަމަ ރާއްޖެ އިތުރަށް އިޝްތިހާރުވާނެ ކަމަށެވެ.
އަލީ ވަހީދު އިންޑިއާ އިން އަންނަ ޓޫރިސްޓުން އިތުރު ކުރުމަށްޓަކައި އިންޑިއާގެ ރަނގަޅު މާކެޓުތަކަށް އަމާޒުކުރަންޖެހޭ ކަމަށެވެ. އެގޮތުން އިންޑިއާގެ އެކި ސްޓޭޓްތަކުން ރާއްޖެ އަށް އަންނަ ފްލައިޓްތައް އިތުރުކުރުން މުހިއްމު ކަމަށެވެ.



