އުއްތަމަ ފަނޑިޔާރާއި އަނެއް ދެ ފަނޑިޔާރުން - ފޮޓޯ: އަވަސް

ފަނޑިޔާރުންނަށް ފިޔަވަޅުއަޅަނީ ސިވިލް ކޯޓުގެ މައްސަލައެއްގެ ފައިލް ނެގި މައްސަލައިގައި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފިޔަވަޅުއަޅަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ ސިވިލް ކޯޓުގެ މައްސަލައެއްގެ ފައިލް، ސުޕްރީމް ކޯޓުން ނެގި މައްސަލައިގައިކަމަށް ޖޭއެސްސީ އިން ވިދާޅުވެއްޖެއެވެ.

ޖޭއެސްސީ އިން މިއަދު ވަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފް އަދި ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އަށް ފިޔަވަޅު އެޅުމުގެ ގޮތުން ނަސޭހަތްތެރިވުމަށް ނިންމަވާފައެވެ.

ޖޭއެސްސީ އިން މިރޭ ވިދާޅުވީ، އެ ތިން ފަނޑިޔާރުންނަށް ފިޔަވަޅު އަޅަން ނިންމެވީ ސިވިލް ކޯޓުގެ މައްސަލައިގެ ފައިލް އެގޮތަށް ނެގުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލަކަށްވާތީ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް ނަޞޭހަތްދިނުމަށް ނިންމީ މި ޝަކުވާއަކީ ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމެއް ތަންފީޒުކުރުމުގެ ގޮތުން އެކޯޓުން ބަލަމުން ގޮސްފައިވާ މައްސަލައެއްގެ ފައިލް ސްުޕްރީމް ކޯޓޫަށް ފޮނުވަން ސިވިލްކޯޓަށް އަންގައި، އަދި އެފައިލް ސުޕްރީމް ކޯޓަށް ގެނައުމާއި ގުޅިގެން، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ފަރާތަށް ޤާނޫނުން ލިބިދީފައިވާ އިސްތިއުނާފުކުރުމުގެ ހައްޤު ގެއްލި އަދި ޢަދުލުއިންޞާފުގެ ހަމަޔާއި އުސޫލުތައް ގެއްލޭ ކަމެއްކަމަށް ޤަބޫލުކުރެވޭތީ، ފަނޑިޔާރުންގެ މި ޢަމަލަކީ ފަނޑިޔާރުން އެމީހުންގެ ވާޖިބު އަދާކުރަންވާނީ، ތައްޞުބުން އެއްކިބާވެތިބެ ހަމަހަމަކަމާއި މުސްތަޤީއްލުކަމާއެކު، ވަކި ފަރާތަކަށް ނުވަތަ ވަކިފަރާތެއްގެ މަސްލަހަތަށް އިސްކަންދިނުމަކާ ނުލައިކަމަށް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބުނެފައިވާ ބުނުމާއި، އަދި ފަނޑިޔާރުން އެމީހެއްގެ ވާޖިބުއަދާކުރުމުގައި އެފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ އެއްވެސް ފަރާތަކުން ކުރާ ޢަމަލަކަށް ނުވަތަ ބުނާ ބަހަކަށް ނުވަތަ އެނޫން ގޮތަކުންވެސް، ނަހަމަގޮތުގައި އެއްވެސް މަސްލަހަތަށް ގެއްލުމެއް ލިބިދާނެކަމެއް ފަނޑިޔާރަށް ފެނިއްޖެނަމަ އެކަމެއް ވަގުތުން ހުއްޓުވަންވާނެކަމަށް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބުނެފައިވާ ބުނުމާއި ޚިލާފު ޢަމަލެއް ކަމަށްވާތީ." ޖޭއެސްސީން މިރޭ ވިދާޅުވިއެވެ.

ތިން ފަނޑިޔާރުންނަށް ފިޔަވަޅު އެޅުމުން ޖުޑީޝަލް ސަރވިސް އެކޮމިޝަނުން މިނިންމުމާއި ގުޅިގެން، މިތިން ފަނޑީޔާރުންނަށް ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 30 ވަނަ މާއްދާގެ ދަށުން ތަޙުޤީޤު ރިޕޯޓަށް ޖާވާބުދާރީވުމަށް 30 ދުވަހުގެ މުއްދަތެއް މާދަމާއިން ފެށީގެން ލިބޭނެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލައި ފަހުގެ ރާތީޚެއްގައި ފިޔަވަޅު އެޅިފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ