19 ދިވެހިންގެ ޝަހީދުކޮށްލި، ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނެވުމަށް ކުރެވުނު މަސައްކަތުގެ ކާމިޔާބީ ފާހަގަކުރަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބާއްވަން އުޅުނު ޖަލްސާ ކުޑަ ހަފްލާއަކަށް ބަދަލުކޮށް މާދަމާ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
މާދަމާރޭ ކުޑަ ހަފްލާއަކުން މި ބައްދަލުވުން ނިންމާލަން އުމަރު ނިންމެވިއިރު، ކުރިން އުމަރު ނިންމަވާފައިވަނީ "19 ޝަހީދުންގެ ހަނދާނެއް ނުނެތޭ" ނަމުގައި އަންނަ ބުރާސްފަތި ދުވަހު ޖަލްސާއެއް ބޭއްވުމަށެވެ.
އުމަރު މިއަދު ވިދާޅުވީ އެ ތާރީހުގައި ޖަލްސާ ބޭއްވުމަށް އެއްވެސް ތަނެއް ނުލިބުނު ކަމަށާއި އަދި މިނިވަން ދުވަހުގެ ހަފްލާތަކަށް ފުށުއަރާތީ އެ އިވެންޓު ކުޑަ ހަފްލާ އަކަށް ބަދަލުކޮށް މާދަމާ ރޭ 9 ޖަހާއިރު ސަލްސާ ރޯޔަލްގައި ބިލެތް މީރުކޮށްލުމަކާ އެކު ބާއްވަން މިހާރު ނިންމާފައިވާ ކަމަށެވެ.
ލުޠިފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ހުރިކަން ދިވެހިންނަށް ހާމަކޮށްފައިވަނީ އުމަރެވެ. އުމަރު އެކަން ހާމަކުރުމަށްފަހު ދިވެހި ސަރުކާރުން ވަނީ އެކަމަށް އެއްބަސްވެފައެވެ. އަދި އެކަމަށް ސަރުކާރަށް ގިނަ ބަޔަކު ފާޑުވެސް ކިޔެވެ.
އުމަރުގެ ޖަލްސާ ކުޑަ ހަފްލާއަކަށް އެންމެފަހުން ބަދަލުވިއިރު، އޭނާ އެންމެ ފުރަތަމަ އެ ޖަލްސާ ބާއްވަން މަސައްކަތް ކުރީ ކާނިވާ ސަރަހައްދުގައެވެ. ނަމަވެސް މޫސުން ގޯސްވުމާ ގުޅިގެން އުމަރު ވަނީ ޖަލްސާ އޭރު ފަސްކޮށްފައެވެ.
ލުތުފީ އަލުން އަނބުރާ ރާއްޖެ ގެނެސްފައިވަނީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.



