އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިންޑިޔާ އަށް ވަޑައިގަންނަވައިފިއެވެ.
ފައްޔާޒު ވިދާޅުވީ، ދެ ދުވަހުގެ މި ދަތުރުގައި ރާއްޖޭގެ ވަޒީފާގެ ބާޒާރަށް މީހުން ނެރުމަށް ބޭނުންވާ ހުރަނަރުތައް ތަރައްގީ ކުރުމަށްޓަކައި އިންޑިޔާގައި އެކަން ކުރާ ގޮތް ދެނެގަންނާނެ ކަމަށެވެ. އަދި މިކަމުގައި ފަންނީ އެހީތެރިކަން ހޯއްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ މުވައްޒަފުންގެ ތަމްރީނުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް އިންޑިއާއާ އެކު ރާއްޖެ އިން ސޮއިކޮށްފައި ވަނީ މިދިޔަ މަހުގެ 18ގަ އެވެ.
އިންޑިޔާގެ އެހީތެރިކަމާ އެކު ދިވެހި ޒުވާނުންނަށް ބޭނުންވާ ހުނަރުތައް ދެނެގަނެ، އެކަމަށް މަސައްކަތް ކުރުމަށް ނިންމާފައިވެ އެވެ.
އިއްޔެ މިނިސްޓަރު ފައްޔާޒު ވަނީ އިންޑިޔާގެ މިނިސްޓާ އޮފް ސްކިލް ޑިވެލޮޕްމެންޓް އެންޑް އޮންޓަޕްރަނާޝިޕް، މަހެންދްރާ ނަތް ޕާންޑޭއާ ބައްދަލުކުރައްވައިފަ އެވެ.
ފައްޔާޒު އިންޑިޔާ އަށް ކުރައްވާ ދަތުރުގައި ރާއްޖޭގެ ޕްރައިވެޓް ސެކްޓާގެ ބައެއް ޕްރޮޖެކްޓްތަކަށް އިންވެސްޓަރުންނާއި ފައިސާ ހޯދުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން އިކޮނޮމިކް މިނިސްޓްރީގެ ޓީމުން މިއަދު ވަނީ އިންޑިޔާގެ ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ އެންމެ ފާހަގަކޮށްލެވޭ ކުންފުނިތަކާ މަޝްވަރާކޮށްފަ އެވެ.




