'ސްޕޯޓްސް އިންސްޓަގްރާމް ރިޗް ލިސްޓް' އެންމެ ކުރީ ޖާގަ ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ލިބިއްޖެއެވެ.
ރޮނާލްޑޯގެ ފަހަތުން މިލިސްޓްގެ ދެވަނަ ނޭމާއަށް ލިބޭއިރު ވާދަވެރި ލިއޮނަލް މެސީއަށް ލިބެނީ މިލިސްޓްގެ ތިންވަނައެވެ.
173 މިލިއަން ފޮލޯވަރުންހުރި ރޮނާލްޑޯ އިންސްޓަގްރާމުގައި ޙިއްސާކުރާ ކޮންމެ ފޮޓޯއަކަށް 784،000 ޕައުންޑް އޭނާއަށް ލިބެއެވެ. ދެވަނާގައި އޮތް ނޭމާގެ ކޮންމެ ޕޯސްޓަކަށް 580،000 ޕައުންޑްލިބޭއިރު، އޭނާގެ ފޮލޯވަރުންގެ އަދަދަކީ 121 މިލިއަނެވެ. އަދި ރޮނާލްޑޯއާ ވާދަވެރި މެސީއަށް 123 މިލިއަން ފޮލޯވަރުންނާއެކު އިންސްޓަގްރާމްގައި ކުރާ ކޮންމެ ޕޯސްޓަކަށް ލިބެނީ 521،000 ޕައުންޑެވެ.

މިލިސްޓްގެ ގަދަ ދިހައެއްގައި 8 ފުޓްބޯޅަ ކުޅުންތެރިން ހިމެނޭއިރު، މީގެ އިތުރުން ދެން ހިމެނެނީ ބާސްކެޓް ބޯޅަ ކުޅޭ ލެބްރޮން ޖޭމްސްއާއި އިންޑިއާގެ މަޝްހޫރު ކްރިކެޓާ ވިރާޓް ކޯލީއެވެ. ލެބްރޮންއަށް ލިސްޓްގެ 5 ވަނަ ލިބޭއިރު ވިރާޓަށް ލިބެނީ ލިސްޓުގެ ނުވަވަނައެވެ.
ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލާފައި ވީނަމަވެސް ޑޭވިޑް ބެކަމް އަދި ރޮނާލްޑީނިއޯއަށް މިލިސްޓްގެ ގަދަ ދިހައަކުންވަނީ ޖާގަލިބިފައެވެ. ބެކަމް ލިސްޓްގެ 4 ވަނާގައި އޮތްއިރު، 57 މިލިއަން ފޮލޯވަރުންނާއެކު ކުރާކޮންމެ ޕޯސްޓަކަށް 287،000 ޕައުންޑްލިބެއެވެ. އަދި 47 މިލިއަން ފޮލޯވަރުންނާއެކު ކޮންމެ ޕޯސްޓަކަށް 206،000 ޕައުންޑް ލިބޭ ރޮނާލްޑީނިއޯއަށް ލިބެނީ މިލިސްޓްގެ 6 ވަނައެވެ.

އުމުރުން 34 އަހަރުގެ ރޮނާލްޑޯ މިލިސްޓްގައި ރަސްކަން ކުރަމުންދާއިރު، މުޅި އިންސްޓަގްރާމްގައިވެސް ކުރާ ޕޯސްޓަކުން އޭނާއަށްވުރެ އިތުރަށް އާމްދަނީއެއް ލިބޭ އުޅެނީ އެންމެ ދެމީހުންނެވެ. އެއީ ކައިލީ ޖެނާއާއި އަރިއާނާ ގްރާންޑޭއެވެ. ކައިލީއަށް ޕޯސްޓަކުން 1.02 މިލިއަން ޕައުންޑް ލިބޭއިރު އަރިއާނާގެ ޕޯސްޓަކުން އޭނާއަށް 800،000 ޕައުންޑްލިބެއެވެ.
'ސްޕޯޓްސް އިންސްޓަގްރާމް ރިޗް ލިސްޓް' ގަދަ ދިހައެއް
- ކްރިސްޓިއާނޯ ރޮނާލްޑޯ - ފުޓްބޯލް - 173 މިލިއަން ފޮލޯވަރުން - ޕޯސްޓަކަށް 784،000 ޕައުންޑް
- ނޭމާ - ފުޓްބޯލް - 121 މިލިއަން ފޮލޯވަރުން- ޕޯސްޓަކަށް 580،000 ޕައުންޑް
- ލިއޮނަލް މެސީ - ފުޓްބޯލް - 123 މިލިއަން ފޮލީވަރުން - ޕޯސްޓަކަށް 521،000 ޕައުންޑް
- ޑޭވިޑް ބެކަމް - ފުޓްބޯލް - 57 މިލިއަން ފޮލޯވަރުން - ޕޯސްޓަކަށް 287،000 ޕައުންޑް
- ލެބްރޮން ޖޭމްސް - ބާސްކެޓްބޯލް - 50 މިލިއަން ފޮލޯވަރުން - ޕޯސްޓަކަށް 219،000 ޕައުންޑް
- ރޮނާލްޑީނިއޯ - ފުޓްބޯލް - 47 މިލިއަން ފޮލޯވަރުން - ޕޯސްޓަކަށް 206،000 ޕައުންޑް
- ގެރެތު ބޭލް - ފުޓްބޯލް - 40 މިލިއަން ފޮލޯވަރުން - ޕޯސްޓަކަށް 175،000 ޕައުންޑް
- ޒްލަޓަން އިބްރަހިމޮވިޗް - ފުޓްބޯލް - 37 މިލިއަން ފޮލޯވަރުން - ޕޯސްޓަކަށް 161،000 ޕައުންޑް
- ވިރާޓް ކޯލީ - ކްރިކެޓް - 36 މިލިއަން ފޮލޯވަރުން - ޕޯސްޓަކަށް 158،000 ޕައުންޑް
- ލުއިސް ސުއަރޭޒް - ފުޓްބޯލް - 34 މިލިއަން ފޮލޯވަރުން - ޕޯސްޓަކަށް 148،000 ޕައުންޑް



