އައިއޯއައިޖީ: ސާއިދު ފައިނަލަށް ދަތުރުކޮށްފި

މޮރިޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ގެ 200 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު އަދި ކުޅަދާނަ ދުވުންތެރިޔާ ހަސަން ސާއިދު ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއަދު އޮތް ދުވުމުގައި ސާއިދު ދުވި ހީޓުން އެއްވަނަ ހޯދާފައިވަނީ މި ގޭމްސް ބާއްވާ ޤައުމު، މޮރިޝަސް ގެ އެތްލީޓެކެވެ. އޭނާ ރޭސް ނިންމީ 22.01 ސިކުންތުންނެވެ. މި ދުވުން 22.28 ސިކުންތުން ނިންމާ ސާއިދުއަށް ތިންވަނަ ލިބިފައިވާ އިރު 22.20  ސިކުންތުން ރޭސް ނިިންމާ ދެވަނަ ހޯދާފައިވަނީ ސީޝެލްސްގެ އެތްލީޓެކެވެ.

ސާއިދު ވަނީ މީގެ ކުރިންވެސް އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއިން ރާއްޖެއަށް ރަންމެޑަލް ހޯދައިދީފައެވެ. އެއީ 2015 ވަނަ އަހަރު ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ 100 މީޓަރު ދުވުމުގައި ވާދަކޮށް އެއްވަނަ ހޯދައިގެންނެވެ. ސާއިދު ވަނީ އެމުބާރާތުގެ 200 މީޓަރު ދުވުމުގައި ބައިވެރިވެ ރިހި މެޑަލް އެއް ވެސް ހޯދާފައެވެ.

މި ފަހަރުގެ ގޭމްސް އަކީ ރާއްޖެއަށް ކާމިޔާބު ގޭމެކެވެ. އެގޮތުން ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ވަނީ މި ފަހަރުގެ ގޭމްސްގައި ރަންމެޑަލް ހޯދާފައެވެ. ފިރިހެން އަދި އަންހެން ބެޑްމިންޓަން ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ. މީގެ އިތުރުން ބީޗް ވޮލީ ޓީމުން ރިހި މެޑަލް ހޯދާފައިވާއިރު ޕެރަ އޮލިމްޕިކްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ މުހައްމަދު މާޒިން ވަނީ ލޯ މެޑަލް ހޯދައިފައެވެ.

އެ އިވެންޓުގެ ފައިނަލް އޮންނާނީ މިއަދު ރާއްޖެ ގަޑިން ހަވީރު 18:10 ގައެވެ. މި ގޭމްސްގައި ރާއްޖެއަށް ފުރިހަމަ ކާމިޔާބީއަށް އަބަދުވެސް އެދެމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ