19 ދިވެހިން ޝަހީދުކޮށްލި 1988 ނޮވެމްބަރ 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ހައްޔަރުކުރުމުގެ އުފަލުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު މިރޭ ބާއްވަން އުޅުނު ހަފްލާ ރޫޅާލާނެކަމުގެ އިންޒާރު ދިންކަމަށްބުނެ ދައުރުވަނީ ފޭކް މެސެޖެއް ކަމަށް އުމަރު ވިދާޅުވެއްޖެއެވެ.
މިނޫހަށް އުމަރު ވިދާޅުވީ، މިރޭ 09:00 ގައި ސަލްސާ ރޯޔަލްގައި ބާއްވަން ނިންމާފައިވާ ޖަލްސާ ރޫޅާލާނެކަމުގެ އިންޒާރު ފުލުހުން ދީފައި ނުވާކަމަށާއި، މިރޭ އެ ހަފްލާ އޮންނާނެ ކަމަށެވެ.
އުމަރު ނަސީރުގެ ނަމުގައި މިއަދު ހަވީރު ދައުރުވި ފޭކް މެސެޖުގައި ބުނެފައިވަނީ، މިރޭ 09:00 ގައި ސަލްސާ ރޯޔަލްގައި ބޭއްވުމަށް ނިންމި ޖަލްސާ ރޫޅާލާނެކަމުގެ އިންޒާރު ފުލުހުން ދިނުމުގެ ސަބަބުން ޖަލްސާ ކެންސަލްކުރަން ނިންމާފައިވާކަމަށެވެ. ނަމަވެސް އުމަރު މިރޭ ވިދާޅުވީ އެއީ "ފޭކް މެސެޖެއް" ކަމަށެވެ.
"މިރޭ 09:00 ގައި ސަލްސާ ރޯޔަލްގައި އޮންނަ ބައްދަލުވުން ކެންސަލް ކުރިކަމަށް ބުނެ ބައެއް އޮންލައިން ނޫސްތަކުން ފަތުރާ ޚަބަރަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ދަންނަވަން. 09:00 ގައި ސަލްސާ ރޯޔަލް (އޯކިޑްމަގު) އަށް ވަޑައިގެންދެއްވާ. ޖާގަ އޮތް މިންވަރަކުން ވަދެވަޑައިގެންނެވޭނެ. ޗެނަލް ތޭރައިން ލައިވްކުރާނެ." އުމަރު މިރޭ ވިދާޅުވިއެވެ.
2019 މެއި 1 ވަނަ ދުވަހުން ފެށިގެން ހާޖަރާގޭ ލުޠުފީ ހުރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައެވެ. އެމްބަސީގައި ލުޠުފީ ހުރިކަން ދިވެހިންނަށް ހާމަކޮށްފައިވަނީ އުމަރު ނަސީރެވެ. އުމަރު މިރޭ ބާއްވަން ނިންމި ހަފްލާއަކީ ލުޠުފީ ގެނައުމުގެ އުފަލުގައި ބާއްވާ ހަފްލާއެކެވެ.




