ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ އެޕްރީލް މަހުގެ 24 ވަނަ ދުވަސް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 54 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ދެއްވި ދުވަހުގެ ޚާއްޞަ ތަޤްރީރުގައި ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮންނަ ރާއްޖެއަކަށް ފުރޮޅިގެންދިޔައީ 1887 ވަނަ އަހަރު ކަމަށާއި، އެއަށްފަހުގައި މިނިވަން ދުވަސް ފާހަގަކުރަނީ އެ އެގްރީމެންޓަށް އެކިއެކު ބަދަލުތައް، ގެންނަ މުނާސަބަތު ފާހަގަކުރާ ދުވަހެއްގެ ގޮތުގައި ކަމަށެވެ.
"މިނިވަން ދުވަހުގެ ގޮތުގައި މި ދިބވެހިރާއްޖޭގައި އަޅުގަނޑުމެން އެންމެ ފުރަތަމަ ފާހަގަކުރީ 24 އެޕްރީލް 1948 ގައި. އެދުވަހަކީ ހިމާޔަތުގެ އެގްރީމެންޓަށް ބަދަލުތަކެއް އައި ދުވަހެއް. އެދުވަހުގެ ބަދަލުތަކުގެ ސަބަބުން ދިވެހި ސަރުކާރުން، ދިވެހި ދައުލަތުން އިނގިރޭސިންނަށް ދެމުން އައި ޖިޒީ ހުއްޓާލެވުނު." ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އަވަށްޓެރި ކޮޅުނބުގައި (މިހާރުގެ ކޮލަމްބޯ) ގައި ހުންނަވައި، ޖިޒީ ކަނޑާލެއްވި އެގްރީމެންޓުގައި ސޮއިކުރެއްވީ، އޭރުގެ ބޮޑުވަޒީރު އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލޭފާނު އާއި އެއްގަމުގޭ ފާމްދޭރިކިލޭފާނާއި ދެބޭފުޅުން ކަމަށެވެ.
"1948 އާއި 1965 އާއި ދެެމެދުގައިވެސް ހިމާޔަތުގެ އެގްރީމެންޓަށް އެކިއެކި ބަދަލު ގެނެވުނު. މީގެން ކޮންމެ ބަދަލެއް ގެނެވޭ ކޮންމެ ފަހަރަކުވެސް އެއީ މިނިވަންކަމުގެ ދުވަހެއްގެ ގޮތުގައި ދިވެހިން އައީ ފާހަގަކުރަމުން، ސަރުކާރުތަކުން އައީ އެކަން ފާހަގަކުރަމުން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، 1965 ވަނަ އަހަރު އަނެއްކާވެސް ހިމާޔަތުގެ އެގްރީމެންޓަށް ބަދަލެއް ގެނެވުނު ކަމަށާއި، ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަން ލިބިގެންދިޔައީ ދުވަހު ކަމަށެވެ.
"އެއަށްފަހު 1965 ވަނަ އަހަރު އަނެއްކާވެސް ހިމާޔަތުގެ އެގްރީމެންޓަށް ބަދަލެއް ގެނެވުނު. ހިމާޔަތުގެ އެގްރީމެންޓަށް އެދުވަހު ގެނެވުނު ބަދަލުގައި ސާފު އިބާރާތުން ލިޔެވުނު ދިވެހިރާއްޖެއަކީ މިނިވަން، ދިވެހިންނަށް އަމިއްލައަށް ދާހިލީ އަދި ޚާރިޖީ ކަންކަން ނިންމޭ މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އިނގިރޭސީން ބަލައިގަނެ ގެޒެޓްކޮށްފި ކަމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
1965 ގައި 26 ޖުލައި ގައި މިނިވަން ދުވަސް ފާހަގަކުރުމަށް ފަހުގައި އިބްރާހީމް ނާޞިރުގެ ވެރިކަމުގައި 1976 ގައި އަނެއްކާވެސް މިނިވަން ދުވަހަކީ 29 މާރިޗު ކަމުގައި ހަމަޖެއްސެވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ، އަނެއްކާވެސް 26 ޖުލައި އެއީ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެއްޓެވީ 1979 ގައި ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރު ފެށުމާއެކުގައި ކަމަށެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް މާދަމާ 54 އަހަރު ފުރޭއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި، މަޖިލީހުގެ މެންބަރުންގެ ފަރާތްޕުޅުން އަދި މަޖިލީހުގެ އެންމެހާ މުވައްޒަފުންގެ ފަރާތްޕުޅުން ރައީސް ނަޝީދު ވަނީ އެންމެހާ ދިވެހިންނަށް ދުވަހުގެ ތަޙްނިޔާ އަރިސްކުރައްވާފައެވެ.




